ކުރީގެ ޑިފެންސް މިނިސްޓާރ މުހައްމދު ނާޒިމްގެ ގެއިން ފެނުނު ޕެން ޑްރައިވްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބާއި ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދަށް ހަމަލާދޭން ރާވާފައިވާކަމަށް ދައުލަތުގެ ވަކީލުން ކޯޓްގައި ވިދާޅުވެއްޖެއެވެ.ދައުލަތުން ނާޒިމްއާއި ދެކޮޅަށް އުފުލާފައިވާ ހަނގުރާމަވެރި ހަތިޔާރެއް ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ޕެންޑްރައިވްގައިވާ ބައެއް މައުލޫމާތު ހާމަކޮށްފައިވެއެވެ.ދައުލަތުން ސިއްރު އެއްޗެއްގެ ގޮތުގައި ބުނަމުން އައި މި ޕްލޭން ޝަރީއަތަށް ހާމަކުރުމަށް ފަނޑިޔާރުން އެންގުމުން ދައުލަތުގެ ވަކީލް ވިދާޅުވީ އޭގައިވާ ގޮތުން އެ ޕްލޭން ހިންގުމުގައި ކޯޑިނޭޓަރަކީ މުހައްމަދު ނާޒިމްކަމަށެވެ. މިގޮތުން ޖޮންއިންޓް މިޝަނެއްގެ ގޮތުގައި އެމްޑަބްލިޔު އެސްސީއަށް ފެނުގެ ކްރައިސެސްއެއް ގެނައުމަށް ރާވާފައިވާކަމަށާއި މިކަންކަމަށް ފަނޑުކުރުމަށް ރާވާފައިވަނީ ވިލާ ކުންފުނިންނާއި، ރިޔާޒްކިޔާ މިހާކާއި އެސްޓިއޯއިންކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.މީގެއިތުރުން މި ޕްލޭންނަށް ރާއްޖައިން ބޭރުން ކުރަންޖެހޭ ކަންތައްތަކަށް އެހީވާން ރާވާފައިވަނީ އެފްއޭ ކިޔާ މިހަކު ކަމަށާއި ހަތިޔާރު ހޯދުމަށް އެހީތެރިވެދެނީ ބޮޑު ބޯޅަ ކިޔާ މީހެއްކަމަށްވެސް ދައަލަތުން ބުނެއެވެ.ނާޒިމްގެ ގެއިން ފެނުނު ޕްލޭންގައިވާ ކަންތައް ހާމަކުރަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެގައިވާ ގޮތުން ފުރަތަމަ ޓާގެޓަކީ މިނިސްޓަރު އަދީބްކަމަށާއި އެއަށްފަހު ސީޕީ އަދި ދެން ރައީސް ޔާމީންކަމަށެވެ. އަދި މި ބޭފުޅުން ހަރަކާތެރިވާ ގޮތްތަށް މޮނީޓަރކޮށްފައިވާކަމަށާއި ޕްލޭން ނިންމުމަށް ޓައިމް ލައިނެއްވެސް ކަނޑައަޅާފައިވާކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ނާޒިމްގެ ފަރާތުން ދިފާއުގައި ހެކި ހުށައެޅުމަށް ދިން ފުރުސަތުގައި ގިނަ އަދަދެއްގެ ހެކިންގެ ނަން ހުށައަޅާފައިވެއެވެ. އޭގެތެރޭގައި ރައީސް ޔާމީންނާއި އުމަރު ނަސީރާއި ޕޮލިސް ކޮމިޝަނަރ އާއި ޗީފް އޮފް ޑިފެންސް ފޯރސްގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިންގެ އޮފިސަރުން ހިމެނެއެވެ.މިއަދު ގެ އަޑުއެހުން ނިންމާލީ ދެން އޮންނަ ދުވަހަކު ދައުލަތުގެ ފަރާތުން ހުށައެޅި ހެކިންގެ ހެކިބަސް ނަގާނެކަން އިއުލާންކުރެއްވުމަށްފަހުއެވެ.