ރައްޔިތުންގެ މަޖްލީޙުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްއާއި ދެކޮޅަށް ދައުލަތުން ސުޕްރީމްކޯޓްގައި އިސްތިއުނާފްކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ދައުވާގެ މައްސަލަތަކުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް ނިންމާ މައްސަލައާއި ގުޅޭ ބައެއް މައުލޫމާތުތައް ބެންޗުން ސާފްކުރައްވައިފިއެވެ.އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖްލީހުގައި މައްސަލައި އަޑުއެހުންތައް ނިންމާލިކަން ބެންޗުން އިއުލާންކުރައްވާފައިވެއެވެ.މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ފައްޓަވަމުން ބެންޗުން ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖްލީސް ބޭއްވީ ފަނޑިޔާރުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މައުމޫލާތުތަކެއް ސާފުކުރެއްވުމަށްކަމަށެވެ. މިގޮތުން ދައުވާގައި ބުނަނީ ކީކޭތޯއާއި މައްސަލައާއި ގުޅިގެން ހުށައެޅި ލިއުންތަކާއި ހެކިތަކާއި ނާޒިމްގެ ތަހްގީގަށް ދެއްވި ބަޔާން ހުށައެޅުމަށް ބެންޗުން ދައުލަތުގެ ވަކީލުންނަށް އަންގާފައިވެއެވެ.މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުންވެސް ނިންމާލާފައިވަނީ ދެން އިތުރު ކަމެއް ސާފުކުރަން ނެތްކަމަށްވާ ނަމަ އޮންނާނީ ހުކުމްކުރުންކަން ބެންޗުން އިއުލާންކުރެއްވުމަށްފަހުގައެވެ.މަކަރާއި ހީލަތް ހަދައިގެން ސަރުކާރުގެ ބައެއް ޕްރްޖެކްޓްތައް ނާޒިމް ކާމިޔާބުކޮށްފައިވާކަމަށް ބުނެ އޭނާއާއި ދެކޮޅަށް ހަތަރު މައްސަލައެއްގައި ދައުލަތުން ކްރިމިނަލްކޯޓްގައި ދައުވާ އުފުލާފައިވީ ނަމަވެސް އެ ހަތަރު މައްސަލަވެސް ނިމިފައިވަނީ ނާޒިމްއާއި އެއްކޮޅަށެވެ. އަދި ދަށުކޯޓްގެ ނިންމުން ހައިކޯޓްގައި އިސްތިއުނާފްކުރުމުން އެ މައްސަލަތައްވެސް ނިމިފައިވަނީ ނާޒިމްއާއި އެއްކޮޅަށެވެ.