އަރަބިއްޔާ ސްކޫލަށް ދިމާވެފއިވާ މުދައްރިސުންގެ މައްސަލަ މި ފެށޭ ހަފްތާގެ ތެރޭގައި ހައްލުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލަށް މުދައްރިސުން ދިމާވެފއިވާ މައްސަލަ ހައްލުކުރެއްވުމަށް މިސްރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަލީ ޒާހިރު ވިދާޅުވީ އަޒްހަރު ޔުނިވަރސިޓީގެ އިސްވެރިންނާއި ބައްދަލުކުރައްވާފައިވާކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ ރާއްޖޭއާއި އަޒްހަރާ ގުޅުން ގޯސްވީ 2017 ވަނަ އަހަރު އެ ޔުނިވަރސިޓީން ރާއްޖެއަށް ފޮނުވި 7 މުދައްރިސުން އެއަރޕޯޓުން ޑީޕޯޓްކޮށްލުމުންކަމަށް އެ ޔުނިވާސިޓީގެ ވެރިޔާ ވިދާޅުވެފައިވާކަމަށެވެ. އަދި މި އަހަރު ދިރާސީ އަހަރު ފެށުނު އިރު ޓީޗަރުން ނުފޮނުވީ އެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަން މިހާތަނަށްވެސް ހައްލުވެފައިނުވާތީކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
މިކަމުގައި ދިވެހި ސަރުކާރުން މައާފަށް އެދިފައިވާކަމަށާއި ނިންމަންޖެހޭ އިދާރީ މަސައްކަތްތައް ނިންމުމަށްފަހު އަންނަ ހަފްތާގެ ތެރޭގައި އަރަބިއްޔާ ސްކޫލަށް ބޭނުންވާ މުދައްރިސުން ސްކޫލާއި ގުޅޭނެކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
" އެކަމަކީ އަޒްހަރު ޔުނިވާސިޓީއާއި އެ ޔުނިވާސިޓީގެ މުދައްރިސުންވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އަދި މިސްރަށްވެސް އިހާނެތިކޮށް ކުރެއްވިކަމެއް. މިކަމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީކޮށް މަޢާފަށް އެދުމަށް އެދިވަޑައިގެންނެވި. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން މަޢާފަށް އެދި ސިޓީއެއް އަރުވާފައިވާނެ. މިސިޓީގައި އެކަމަކީ މި ސަރުކާރުން ބަލައިގަންނާނެކަމެއް ނޫންކަމަށާއި ޑީޕޯޓްކުރުންފަދަ ކަމެއް ނުވާނެކަމަށް ބަޔާންކޮށްފައިވާނެ" އަލީ ޒާހިރު ވިދާޅުވިއެވެ.
އަޒްހަރު ޔުނިވަރސިޓީގެ 4 މުދައްރިސުން އަރަބިއްޔާ ސްކޫލްގައި ކިޔާވާދެމުންދެއެވެ. މީގެއިތުރުން 18 މުދައްރިސުން ރާއްޖެއަށް ފޮނުވާނެކަމުގެ ޔަޤީންކަން އެ ޔުނިވަރސިޓީން ދީފައިވާކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހޯދުމަށްވެސް އަޒަހަރާއި އެކު މަޝްވަރާކޮށްފައިވާކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ. މީގެއިތުރުން ދެ ޤައުމުން ތަޢުލީމީ ދައިރާއިން ތަޖުރިބާ ހިއްސާކުރުމާއި ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
" ޚާއްސަކޮށް މިހާރު މިޞްރުގައި ފަށާއިގެން އުޅޭ ތަޢުލީމީ ދާއިރާގެ މުޅިން އާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މިއީ ދަރިވަރުންނާއި އެހެނިހެން ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުށްފައިވާ މަޝްރޫއެއް. މި މަޝްރޫއު އަކީ ރައްޖެއަށްވެސް ފައިދާ ވާނެ މަޝްރޫއެއްކަން ފާހަގަކޮށް ކަމުގެ ތަޖުރިބާ ހިއްސާކުރެއްވި." އަލީ ޒާހިރު ވިދާޅުވިއެވެ.
މިމަހުގެ 16 އިން 19 ސަރުކާރުގެ ވަފުދެއް ވަނީ މިސްރަށް ގޮސް އަޒްހަރު ޔުނިވާސިޓީއަށް މަޝްވަރާކޮށްފައެވެ. މި ވަފުދުގައި ހިމެނިވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީއާއި އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރާއި ރައީސް އޮފީހުގެ ޗީފް އޮސް ސްޓާފް އަލީ ޒާހިރުއެވެ.
ޢަރބިއްޔާ ސްކޫލަށް ބޭނުންވާ މުދައްރިސުން ފޮނުވަމުން އަންނަނީ އަޒްހަރު ޔުނިވަރސިޓީން ނެވެ. އަދި އެމުދައްރިސުންގެ މުސާރައިގެ ކަންކަންވެސް ހަމަޖައްސަނީ އެ ޔުނިވަރސިޓީންއެވެ.