ދިވެހިރާއްޖެ އާއި ސްރީލަންކާއާއި ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށްޓަކައި ސްރީލަންކާގެ ވިޔަފާރިވެރިން ބައިވެރިވާ އިންވެސްޓަރ ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ދެ ޤައުމުގެ ދެމެދުގައި މިހާރުއޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް ސްރީލަންކާގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބާއްވާ އިންވެސްޓަރ ފޯރަމެކެވެ.
ސްރީލަންކާގެ ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ ' ބިޒް އިންގްލިޝް' ގައިވާ ގޮތުން، ރިސަރޗް އިންޓެލިޖެންސް ޔުނިޓު، އާރު. އައި. ޔޫ އިންވެސްޓަރ ފޯރަމް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ހޮޓެލް ޖެންގައެވެ.
ސްރީލަންކާގެ ރިސަރޗް އިންޓެލިޖެންސް ޔުނިޓުން އިންތިޒާމްކުރާ މި ފޯރަމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ފުޅާދާއިރާއެއް ވިޔަފާރިކުރަމުންދާ ލަންކާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ޖޯން ކީލްސް އާއި ކެޕިޓޮލް ޑިވެލޮޕާސް ބައި ސަންކެން ކުންފުނި އަދި ޕްރައިމް ގްރޫޕު ފަދަ ކުންފުނިތަކުން ބައިވެރިވާނެއެވެ.
މި ފޯރަމްގައި ޕެނަލް ޑިސްކަޝަންތަކާއި، ޕްރެޒެންޓޭޝަންތައް ހިމެނޭ ކަމަށާއި، ލަންކާގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާތައްކޮށް، މައުލޫމާތުދިނުމަށް ހަމަޖެހިފައިވާކަމަށް އާރު. އައި. ޔޫ އާއި ހަވާލާދީ ބިޒް އިންގްލިޝް ނޫހުގައި ވެއެވެ.
ސްރީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން އެކި އެކި ބޭނުންތަކަށް ދަތުރުކުރާ ޤައުމެކެވެ. އެގޮތުން ހުސްވި އަހަރު އެޤައުމަށް 76،000 ވުރެ ގިނަ ދިވެހިން ދަތުރުކޮށްފައިވާއިރު، އެޤައުމުގައި 16،000 ގާތްކުރާ އަދަދަކަށް ދިވެހިން ދިރިއުޅެމުންދެއެވެ.