ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމުން އިސްލާމީ ޔުނިވަރސިޓީގެ މި އަހަރުގެ ޖެނުއަރީ ސެމިސްޓަރގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އައިޔޫއެމް އިން ބުނީ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމު ހަމަޖެހުމުން ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދާދިނުމުގެ ގޮތުންކަމަށެވެ. އައިޔޫއެމްގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 28 ވަނަދުވަހުއެވެ.
އިސްލާމީ ޔުނިވަރސިޓީން ވަނީ 10 ކޯހެއްގެ ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން ބެޗްލަރ އޮފް ޤުރްއާނިކް ސްޓަޑީޒްއާއި ބެޗްލަރ އޮފް އިމާމްޝިޕް އެންޑް ލޯކަލް ގަވަރނަންސް އާއި ބެޗްލަރ އޮފް އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސްއާއި ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް ހިމެނެއެވެ.
މީގެ އިތުރުން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް އާއި ބެޗްލަރ އޮފް އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން އާއި ބެޗްލަރ އޮފް ޓީޗިންގ (ޕްރައިމެރީ) އާއި ބެޗްލަރ އޮފް ޓީޗިންގ އަރަބިކް ލޭންގުއޭޖް އިތުރުން ބެޗްލަރ އޮފް ޓީޗިންގ ޤުރްއާން އަދި ބެޗްލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ހިމެނެއެވެ.
ހިލޭ ކިޔަވައިދޭ ޑިގްރީ ކޯސްތަކަށް އެދި ހުށަހަޅާ ދަރިވަރުންނަކީ ސަރުކާރުން އެކުލަވާލާފައިވާ އުޞޫލުގައިވާ ޝަރުތުތައް ހަމަވާ ކުދިންނަށް ވާންޖެހޭނެކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެއެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާ، އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި ފުރުޞަތުގެ ދަށުން ސަރުކާރުގެ ދެ ޔުނިވަރސިޓީން ފުރަތަމަ ޑިގްރިއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. އަދ އަމިއްލަ ކޮލެޖުތަކުން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ކުދިންގެ ފީގެ ބޮޑު އިންސައްތައެއް ސަރުކާރުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.