ޚަބަރު

އެތުލެޓިކްސް ޓްރެއިނިން ސްކޮލަރޝިޕް ލިބޭ އެތުލީޓުން ކަނޑައަޅައިފި


އިންޑިއާ ސަރުކާރުން އެތުލެޓިކްސް އެސޯސިއޭޝަނަށް ލިބިފައިވާ އެތުލެޓިކްސް ޓްރެއިނިން ސްކޮލަރޝިޕްގައި އިންޑިޔާގައި ތަމްރީން ހަދާނެ އެތުލީޓުން ކަނޑައަޅައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި ތަމްރީން ހަދަން ރާއްޖޭގެ 09 އެތުލީޓުން ދިޔުމަށް ހަމަޖެހިފައިވާއިރު، ޓީމާއިއެކު 2 ކޯޗުން ބައިވެރިވާނެއެވެ. މި ސްކޮލަރޝިޕްގައި ބައިވެރިވާ އެތްލީޓުންނަކީ ޙަސަން ސާޢިދު، ޙުސައިން ފަޒީލް ހާރުން، ޙުސައިން ރިޒާ، ނުޖޫމް ޙަސަން، ސަރީޝް އަޙްމަދު، ޢިބާދުﷲ އާދަމް، އަޙްމަދު ޝާމް މުޙައްމަދު، އިބްރާހީމް އަޝްފާން ޢަލީ އަދި މުޙައްމަދު ނާއިލްއެވެ. ޓީމްގެ ކޯޗުންގެ ގޮތުގައި ބައިވެރިވާނީ ނޭޝަނަލް ސްޕްރިންޓް ހެޑް ކޯޗް އަޙްމަދު ފާޢިލް އާއި މުޙައްމަދު ޢާމިރެވެ.


އިންޑިއަން ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލަރޝިޕްގައި ފޮނުވާ އެތުލީޓުންނަށް ސްކޮލަރޝިޕް ލިޔުން ޙަވާލުކޮށްދެއްވީ އެކްޓިން އެމްބެސެޑަރ މިސް އަރުޗަނާ ނާޔަރެވެ. މި ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގެ އެތުލީޓުން މިމަހުގެ އެކާވީހުން އޭޕްރީލް އަށާވަނަ ދުވަހުގެ ނިޔަލަށް ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ބެންގަލޫރު ޓްރެއިނިން ސެންޓަރުގައި ގައި ތަމްރީންތައް ކުރިޔަށް ގެންދާނެއެވެ. މިއީ އަންނަ ޖުލައިމަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމް ކުރާ ތަމްރީން ދަތުރެކެވެ.


ކާރުގެ އެހީގެ ދަށުން މީގެ ކުރިންވެސް ރާއްޖޭގެ އެތުލީޓުން ވަނީ އިންޑިޔާގެ ބެންގަލޫރުގެ މި ސެންޓަރުގައި ތަމްރިން ހަދާފައެވެ. އޭގެ ތެރޭގައި 2010ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސްގެ ތަމްރީންތަކާއި 2015 އައި އޯ އައި ޖީ އަށް ތައްޔާރުވުމުގެ ގޮތުން ކުރާ ތަމްރީންތައް ހިމެނޭއެވެ.