ޚަބަރު

ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސްޓިންގާސް ބީސީ ސެމީ ފައިނަލަށް


ނިއުޓްރަލް ސްޕޯޓްސް ކުލަބު ބަލިކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ސްޓިންގާސް ބީސީ ޖާގަ ހޯދައިފިއެވެ.

ސްޓިންގާސް ބީސީ ގްރޫޕްގެ އެއްވަނަ ކަށަވަރުކުރީ ބާކީ އެއް މެޗު އޮއްވައި މިހާތަނަށް ގްރޫޕުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށެވެ.
އެޓީމުންވަނީ ވަރުގަދަ ޓީރެކްސްވެސް ގްރޫޕް ސްޓޭޖުގައި ބަލިކޮށްފައެވެ. ނިއުޓްރަލް ސްޕޯޓްސް ކުލަބުގެ މައްޗަށް އެޓީމް ކުރި ހޯދީ އަށްޑިހަ ފަސް ޕޮއިންޓް ހަތްދިހަ ތިން ޕޮއިންޓުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ސްޓިންގާސް ބީސީގެ މުޙައްމަދު ސަމޫހަށެވެ. ގްރޫޕް ސްޓޭޖުގައި ސްޓިންގާސްއަށް ބާކީ އޮތީ ގްރޫޕުގެ ފުލުގައި އޮތް ކީންސް ސްޕޯޓްސް ކުލަބާއި ވާދަކުރާ މެޗެވެ. ނިއުޓްރަލް އަށް އޮތީ ޓީރެކްސްއާއި ވާދަކުރާ މެޗެވެ. މި މެޗުން މޮޅުވާ ޓީމަކަށް ސްޓިންގާސްއާއިއެކު ސެމީ ފައިނަލުން ފުރުސަތު ލިބޭނެއެވެ.

ގްރޫޕް އެކަކުން ސެމީގެ ޖާގަ ޔަގީންކޮށްފައިވާ ދެ ޓީމަކީ ކިންގްސް ބީސީއާއި ރެޕްޓާސް ބީސީއެވެ.
ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަންސްވީސްވާ ހޯމަދުވަހުއެވެ.