ވިޔަފާރި

ހުސްވި އަހަރު އިންޑިއާގެ ކެރެލާ ސްޓޭޓަށް ދަތުރުކުރި ދިވެހިންގެ އަދަދު %8.9 އިތުރުވެއްޖެ


ހުސްވި އަހަރު އިންޑިއާގެ ކެރެލާ ސްޓޭޓަށް ދަތުރުކުރި ދިވެހިންގެ އަދަދު %8.9 އިތުރުވެއްޖެއެވެ. ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ޓްރިވެންޑްރަމް އަދި ކޮޗިން އަކީ އިންޑިއާގެ ކެރެލާ ސްޓޭޓުގައި ހިމެނޭ ދެ ސިޓީއެވެ.

ކެރެލާ ސްޓޭޓްގެ ޓޫރިޒަމް ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު 42،237 ދިވެހިން ކެރެލާ ސްޓޭޓަށް ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެކުރީ 2017 ވަނަ އަހަރު އެ ސްޓޭޓަށް ރާއްޖެއިން ޒިޔާރަތްކޮށްފައިވަނީ، 38،759 މީހުންނެވެ.

ކެރެލާ ސްޓޭޓަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ދިހަ ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެގޮތުން އެ ލިސްޓުގައި ރާއްޖެ ހިމެނެނީ 7 ވަނައިގައެވެ.

ބޭސް ފަރުވާއަށް ކޮންމެ ދުވަހަކުވެސް އެތައް ދިވެހިންނެއް އިންޑިއާއަށް ދަތުރުކުރެއެވެ. އަދި ޗުއްޓީ ހޭދަކުރުމަށްވެސް އެޤައުމަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާއިރު، ޓްރެވެންޑްރަމް އަދި ކޮޗިންފަދަ ސިޓީތަކުގެ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކެރެލާ ސްޓޭޓްގެ ވަކި ވަކި ޑިސްޓުރިކްތަކަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އަރުނާކުލަން ޑިސްޓްރިކްއަށެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ތިރުވަނަންތަޕޫރަމް ޑިސްޓްރިކްއަށެވެ. ތިރުވަނަންތަޕޫރަމް ސިޓީ، ނުވަތަ ޓްރިވެންޑުރަމް ސިޓީ އަދި ކޮޗިން ސިޓީއަކީ ތިރުވަނަންތަޕޫރަމް ޑިސްޓްރިކްގައި ހިމެނޭ ސިޓީތަކެވެ.

ކެރެލާ ސްޓޭޓަށް ހުސްވި އަހަރު 1،096،407 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. މި މުއްދަތުގެ ތެރޭގައި އެޤައުމުން ކެރެލާ ސްޓޭޓަށް ވަނީ 201،258 ފަތުުރުވެރިން ޒިޔާރަތްކޮށްފައެވެ.