ޚަބަރު

"ބަންގްލަދޭޝް ފެޝަން ވީކްގައި" ރާއްޖޭގެ ފެޝަން ޑިޒައިނަރެއްގެ ހުނަރު ދައްކާލައިފި


ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ "ބަންގްލަދޭޝް ފެޝަން ވީކްގައި" ރާއްޖޭގެ ފެޝަން ޑިޒައިނަރެއްގެ ހެދުންތައް ދައްކާލައިފިއެވެ.

2015 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފެޝަން ވީކްގައި ރާއްޖެ ތަމްސީލްކޮށްފައިވަނީ ރާއްޖޭގައި ފެޝަން ޑިޒައިން އަދި ފެހުމުގެ ދާއިރާއިން މަޝްހޫރުވެފައިވާ އައިޝަތު ޝިމްލާއެވެ.

މިމަހުގެ 23 ފެށިގެން 25ގެ ނިޔަލަށް ބަންގްލަދޭޝްގެ ޑާކާ ގައި ކުރިއަށް ދާ މިޙަރަކާތަކީ އޭޝިއާގެ އެކި ޤައުމުތަކުން ކޮންމެ އަހަރަކު ބައިވެރިވަމުން އަންނަ ހަރަކާތެކެވެ. ޝިމްލާ ބުނީ މިޙަރަކާތުގައި ބައިވެރިވެފައިވަނީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޯދައިދެއްވި ފުރުޞަތެއްގައި ކަމަށެވެ. "ފެޝަން ވީކް"ގައި ރާއްޖެއިން ދައްކާލާފައިވަނީ ހަވީރީ ހެދުންތަކާއި ކެޝުއަލް ހެދުންތަކެކެވެވެ.

އަދި މިހެދުންތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކުލަތައް ރަމްޒުކޮށްދޭ ގޮތަކަށެވެ. މިގޮތުން މުދާއި ، ފެހިކަންގަދަ ގަސްތަކާއި ރުއް އަދި ސަންސެޓްގެ ކުލަތައް ފާހަގަވާގޮތަށް ހެދުންތައް ފަރުމާކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި ހެދުންތަކަކީ ޝިމްލާގެ އަމިއްލަ ޑިޒައިންތަކެއް ކަމަށާއި ހެދުންތައް ފަރުމާކޮށްފައިވަނީ ބަންގްލަދޭޝްއަށް ދިއުމަށް ފަހުގައިކަމަށް ޝިމްލާ ބުންޏެވެ. ޝިމްލާ ފަރުމާކޮށްފައިވާ މި ހެދުންތައް ލައިގެން ތިބީ ބަންގްލަދޭޝްގެ މީހުންނެވެ.

މަޝްހޫރު ފެޝަން ޑިޒައިނަރ ޢާއިޝަތު ޝިމްލާ އަކީ މި ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ފަރާތެކެވެ. އޭނާ ވަނީ ރާއްޖޭގައި ބާއްވާފައިވާ ފެޝަން ޝޯ ތަކުން އެކި ވަނަތައް ޙާސިލްކޮށްފައެވެ. ފެހުންތެރިންނާއި ޑިޒައިނަރުންނަށް އެކި ފުރުޞަތުތައް ހޯދައިދީ އެމީހުން ކުރާ މަސައްކަތްތައް މާރކެޓް ކުރެވޭނެ ގޮތް ހޯދައިދިނުމަށް ކޮންމެ އަހަރަކު ބަންގްލަދޭޝްގައި ކުރިއަށް ދާ މިހަރަކާތުގައި މިއހަރުވެސް އޭޗިއާގެ އެތައް ޤައުމަކުން މީހުން ބައިވެރިވެއެވެ. މިގޮތުން ބަންގްލަދޭޝްގެ 19 ޑިޒައިނަރުންނާއި އޭޝިއާގެ 11 ޑިޒައިނަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ސްރީލަންކާ، އިންޑިއާ ޕާކިސްތާން، ފަދަ ޤައުމުތަކުން ބައިވެރިވެއެވެ.