މާލޭގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުން މަގުތަކަށް ނަޖިސް ބޭރުވާ މަސައްލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާދަމް އާޒިމް މިހެން ވިދާޅުވީ މިއަދު މޯލްޑިވްސް ވޯރޓަރ އެންޑް ސްވަރެޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މާލޭގެ ނަރުދަމާ ނިޒާމުގައި މައްސަލަތައް ޖެހި ޖަންގްޝަންތަކުން ނަޖިސްފެން ލީކްވުމުގެ ޝަކުވާއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާއެކެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި އެމްޑަބްލިއުއެސްސީން ވަނީ ސްވަރެޖް ނެޓްވޯކް ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.
އެމްޑަބްލިއުއެސްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ މަގުތަކަށް ނަޖިސްބޭރުވުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ސްވަރެޖް ނެޓްވޯކް އެއްވެސް ވަރަކަށް މެއިންޓެއިން ނުކޮށް ނުވަތަ ހޮޅިތައް ސާފުނުކޮށްހުރުމުން ކަމަށެވެ.
މިހާރު މިމަސައްކަތް ފަށާފައިވާ ކަމަށާއި ކޮންމެ ރެޔަކު މި މަސައްކަތް ކުރަމުންދާ އިރު، އަމާޒަކީ އަހަރަކު ދެ ފަހަރު ނަރުދަމާ ސާފުކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.
މާލޭގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމަކީ އެއްލައްކަ މީހުންނަށް ޚިދުމަތްދެވޭ ނިޒާމަކަށްވާއިރު، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި މާލޭގެ އާބާދީ އެތައް ގުނައަކަށްވަނީ އިތުރުވެފައެެވެ.
އެގޮތުން ޑިމާންޑާއި އެއްވަރެއްގެ ނަރުދަމާ ނިޒާމެއް ޤާއިމްކުރުމަށްޓަކައި އެމްޑަބްލިއުއެސްސީން ދަނީ، މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި އިތުރު ހަތަރު ޕަމްޕު ސްޓޭޝަން ބަހައްޓުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްވެސް ކުރިއަށް އޮތް އަހަރުތެރޭ ނިމޭނެ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.
ސްވަރެޖް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތައް ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ހާމަކުރެއެވެ.
އެމްޑަބްލިއުއެސްސީއިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށްޓަކައި އެކުންފުނީގެ ޚިދުމަތްތަކާއި ގުޅޭގޮތުން ސުވާލުކޮށް ޝަކުވާތައް ހުށަހެޅުމަށް ހޮޓްލައިން ނަމްބަރ 105 އަކަށް ގުޅުމަށް އެކުންފުނިން އެދެއެވެ. 105 އަށް ޓެކްސްޓް މެސެޖް މެދުވެރިކޮށްވެސް ޝަކުވާ ހުށައެޅޭނޭކަމަށް އެކުންފުނިން ބުނެއެވެ.