ސިޔާސީ

ސަރުކާރާއި ދެކޮޅު އިއްތިހާދެއް އަދާލަތު ޕާޓީން އެކުލަވާލައިފި


ސަރުކާރާއި ދެކޮޅަށް ހަރަކާތްތެރިވާނެ އިއްތިހާދެއް އެކުލަވާލައިފިކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.މިއިއްތިހާދުގައި އަދާލަތު ޕާޓީއާއި ބައިވެރިވާކަން އަދި ހާމަކޮށްފައިވަނީ އެމްޑީޕީން  އެކަންޏެވެ.މިއިއްތިހާދު އިއުލާންކުރައްވަމުން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ މިއީ އަނިޔާވެރިކަމާއި ދެކޮޅަށް އެކުލަވައިލެވުނު އިއްތިހާދެއްކަމަށެވެ.އިއްތިހާދުގެ މައިގަނޑު ނަމަކަށް ބޭނުންކުރުމަށް ކަނޑައަޅާފައިވަނީ "އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން" މި ނަމެވެ. މިއިއްތިހާދު އުފެއްދުމަށް އިސްނަގާފައިވަނީ އަދާލަތު ޕާޓީންނެވެ.ޝައިޚް އިމްރާން އަބްދުﷲ މިއަދު ނޫސްވެރިންނަށް މައުލޫމާތުދެމުން ވިދާޅުވީ މި ހަރަކާތަކީ ވަކި ސިޔާސީ ފިކުރަކުން ނުވަތަ ސިޔާސީ ބޭނުމަކަށް ހިންގާ ހަރަކާތެއް ނޫންކަމަށެވެ. އަދި މިހަރަކާތުގައި ސިޔާސީ ޕާޓީތަކުގެ އިތުރުން މަދަނީ ޖަމިއްޔާ ޖަމާއަތްތަށްވެސް ބައިވެރި ވުމަށް އިމްރާން ވަނީ ގޮވާލައްވާފައެވެ." އާދެ އަނިޔާ ތައް ހުއްޓުވުމަކީ ސަރުކާރު ވައްޓާލުމެއް ނޫން. ސަރުކާރުން ކަމަށް ވިޔަސް އަދި ވަކިވަކި ޖަމާއަތްތަކުން ކަމަށް ވިޔަސް، ވަކި ވަކި ފަރުދުން ގެ ފަރާތުން ކަމަށް ވިޔަސް، ދެވިގެންދާ ނުވަތަ ހިނގަމުންދާ އަނިޔާތަށް ﷲ އިރާދަކުރެއްވިޔާ މިހަރަކާތުގެ ތެރެއިން، މި މޫވްމެންޓްގެ ތެރެއިން ހުއްޓިގެންދާނެ. މާތް ﷲ އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ މަޤްސަދަކީ އެއީ. އާދެ ސަރުކާރުގެ ތެރެއިން ހިނގަމުންދާ އަނިޔާތަކަށް ސަރުކާރުން ޖަވާބުދާރީ ވާންޖެހޭނެ. ސަރުކާރުން އެއަނިޔާތަށް ހުއްޓުވަން ޖެހޭނެ. އެއީ ސަރުކާރުގެ ޒިންމާއެއް. މިއީ ސަރުކާރު ވައްޓާލުމާއި ގުޅިފައި އޮތްކަމެއްނޫން." އިމްރާން ވިދާޅުވިއެވެ.މި ހަރަކާތުގައި ބައިވިރިވިކަން ރަސްމީކޮށް ޢިއުލާނުކޮއްފައި ވަނީ އެމްޑީޕީން އެކަނި ނަމަވެސް ޖުމްހޫރީޕާޓީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށް ވާ އަމީން އިބްރާހިމާއި ހުސައިން ރަޝީދު ހަސަން މިއަދުގެ ނޫސްވެރިންނާއި ބައްދަލުކުރެއްވިއެވެ. ނަމަވެސް އެދެބޭފުޅުން ވެސް ވިދާޅުވީ މި ހަރަކާތުގައި އެދެބޭފުޅުން އަދި މިހާތަނަށް ބައިވެރިވެފައި ވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށާއި ޕާޓީން އެކަމުގައި ދެކޭގޮތް ހާމަކުރާނީ ޕާޓީގެ ފަރާތުން ކަމަށެވެ.