މާލެއަށް ބަނގުރާ އެތެރެކުރި 5 މީހަކު 28 ފުޅި ބަނގުރަލާއެކު ހައްޔަރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ މާލެއަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންއެއްގައި މިއަދު 14:35 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 18 އަހަރު ނުވާ ކުއްޖަކާއި 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި އަދި އުމުރުން 27 އަހަރުގެ ދެ ފިރިހެނުންނެވެ.
ފުލުހުން ވިދާޅުވީ މި މީހުން 3 ސައިކަލްއެއްގައި އަމީރު އަޙްމަދު މަގުން ދަނިކޮށް އެތަނުން އެއް ސައިކަލެއްގައި ތިބި 2 މީހުން ހޮޓެލް ޖެން ކައިރިން ހުއްޓުވައި ބަލާ ފާސްކުރި އިރު އެ ސައިކަލްގެ ފަހަތުގައި އިން މީހާ ކޮނޑުގައި އަޅުވާފައި އޮތް ދަބަހެއްގެ ތެރެއިން ބަނގުރާ 7 ފުޅި ފެނިފައިވާކަމަށެވެ.
މީގެ އިތުރުން އަމީރު އަހްމަދު މަގާއި ސޯސަން މަގު ގުޅޭ ހިސާބު ކަންމަތިން 2 ވަނަ ސައިކަލް ހުއްޓުވައި ބަލާ ފާސްކުރިއިރު އެ ސައިކަލްގެ ފަހަތުގައި އިން މީހާގެ ކޮނޑުގައި އަޅުވާފައިވާ އޮތް ދަބަހެއްގައި ތެރެއިން 7 ބަނގުރާ ފުޅި ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އަދި އަމީރު އަހްމަދު މަގުގަ ހުންނަ މޯލްޑިވްސް ކޮމާޝަލް ބޭންކް ސަރަހައްދުން 3 ވަނަ ސައިކަލް ހުއްޓުވި ވަގުތު އެ ސައިކަލްގެ ފަހަތުގައި އިން މީހާގެ އަތުގައި އޮތް 2 ދަބަހެއްގެ މަގުމައްޗަށް އެއްލާލުމަށް ފަހު ސައިކަލް އިން ފުންމާލައިގެމް ފިލަން މަސައްކަތް ކުރަނިކޮށް އަތުލައިގެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި މީހުން މަގުމައްޗަށް އެއްލާލި 2 ދަބަސް ބަލާ ފާސްކުރިއިރު ކޮންމެ ދަބަހަކުން 7 ފުޅި ބަނގުރާ ފެނިފައިވާކަމަށާއި އެތަނުން އެއްދަބަހުން 2 ފުޅި ބަނގުރާ ތަޅައިގެން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.