މަރުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި، ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާ މަރުގެ މައްސަލަތައް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ދެ ބައި-އިލެކްޝަން ސަރުކާރު ހިންގާ ކޯލިޝަނަށް ކާމިޔާބުވުމާއި ގުޅިގެން، އެކަމުގެ އުފަލުގައި ރޭ އާރޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސް ޔާމިން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަކަމެއް ނޫންކަމަށާއި، މުޅި ޤައުމުގެ މަސްލަހަތަށް ބަލާފައި، ހާލަތު ނިޔާ ކުރާ ކަމުގައިވަނީނަމަ މަރުގެ ހުކުމް ތަންފީޒު ކުރަނީ، އެކަމުން ދެން ތިބި މީހުންނަށާއި، ގާތިލުންނަށް ވާން ތިބި މީހުންނަށް ފިލާވަޅެއް ނަގައިދިނުމަށްޓަކައިކަމަށެވެ. އަދި ކޯޓު މަރުހަލާތައް ނިމުމުން ނޫނީ މި ސަރުކާރަށް މަރުގެ ހުކުމް ތަންފީޒުކުރެވެން ނެތްކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ، ކޯޓުމަރުހަލާތައް ނިމުމާއިއެކު މަރުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރުން އެއްވެސް ވަރަކަށް ފަސް ނުޖެހޭނެ ކަމަށެވެ.ދާދިފަހުން ހިނގި މަރުގެ ދެ ޙާދިސާއަށް އިޝާރަތްކުރައްވަމުން ރައީސް ޔާމިން ވިދާޅުވީ، މީހުން މެރުމާއި، އެހެނިހެން ބޮޑެތި ކުށްކުށަށް އަރައިގަންނަށް ފަރާތްތަކުން އެފަދަ އަމަލުތައްކުރުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށާއި، އެހެން ނޫންނަމަށް ޤާނޫނު އެމީހުންނާއި އަރާ ހަމަކުރާނެކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަމާއި، އަދުލު އިންސާފު ކަށަވަރުކޮށްދިނުމަށް، މި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުދެއްވިއެވެ.ލ. މުންޑޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި އުމުރުން ނަވާވިސް އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާލި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭ ހާބަރު ކަނޑަ ހިމެނޭ ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި ބިދޭސީއެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ މާރާލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.