ސިޔާސީ

ޝައިޚް އިމްރާންގެ ވާހަކަފުޅު ރައީސް އޮފީހުން ދޮގުކުރައްވައިފި


ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް ވަނީ ފްރޭމް ކުރެވިފައިކަމަށާއި، އެކަންހިނގާދިޔަގޮތް ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވޭނަކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވި ވާހަކަފުޅު ރަޢީސުލް ޖުމްހޫރިއްޔާގެ އޮފީހުން ދޮގުކޮށްފިއެވެ.ރޭ އެމްޑީޕީ ޖުމްހޫރީ ޕާޓީ އަދި އަދި އަދާލަތުން ބޭއްވި އެއްވުމުގައި ޝައިޚް އިމްރާން ވިދާޅުވީ، ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށާއި، އެކަން ރޭވި މީހުންނާއި، އެކަމަށް ބޭނުންވާ ހަތިޔާރު އެތެރެކުރި މީހުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.މިކަން ދޮގުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މިކަމާ ގުޅިގެން އަދާލަތު ޕާޓީން ރަޢީސުލް ޖުމްހޫރިއްޔާއާ ބައްދަލުކުރި ކަމަށާއި، އެބައްދަލުކުރެއްވުމުގައި، ނާޒިމް ފްރޭމްކުރެވިފައިވާ ކަން ނުވަތަ ނޫންކަންވެސް ރަޢީސް ޔާމީނަށް އެނގިވަޑައި ނުގައްނަވާ ކަމަށް ރަޢީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމައްސަލަ ވަނީ ތަޙްޤީޤު ކުރެވި ޝަރީޢަތުގެ މަރުޙަލާގައިކަން ފާހަގަކުރައްވާ، ފުލުހުންގެ މިނިވަން ތަޙްޤީޤަކަށް ފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން އުފުލާފައިވާ ދައުވާއެއް އަނބުރާ ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ތަންދޭ ކަމެއް ނޫން ކަމަށް ވިދާޅުވި ކަމަށްވެސް މި ބަޔާނުގައިވެއެވެ.މީގެއިތުރުން އިމްރާން ޢަބްދުﷲއަށް، ކުރީގެ ޑިފެންސް މިނިސްޓަރ ފްރޭމް ކުރެވިފައިވާ ކަމަށް ޤަބޫލުފުޅުކުރެއްވޭނަމަ، ނުވަތަ ސާބިތު ހެކިތަކެއް ވާނަމަ، ކުރީގެ ޑިފެންސް މިނިސްޓަރގެ ޤާނޫނީ ޓީމާއި ގުޅިވަޑައިގެން ޝަރީޢަތުގެ މަރުޙަލާގެ ތެރެއިން އެމަސައްކަތްކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވި ކަމަށާއި،  މިއީ ޝަރުޢީ މަރުޙަލާގެ ތެރެއިން ނިމެންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.ދޮޅުގަޑިއިރެއްހާއިރު ވަންދެން، ރައީސުލްޖުމްހޫރިއްޔާ އަދާލަތު ޕާޓީގެ ވަފުދާއެކު ހޭދަކުރެއްވި އެބައްދަލުކުރެއްވުމުގައި އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އިމްރާން ޢަބްދުﷲ ކަންބޮޑުވެވަޑައިގަންނަވާ ކަންކަން ހުރިކަން ފާހަގަކުރައްވާ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގަމުންދާކަން ޝައިޚް އިމްރާން ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި ކަމަށް މި ބަޔާނުގައިވެއެވެ. އަދި މިކަމާގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެފަދަ ޢަމަލުތައް ސަރުކާރުގެ ތެރޭގައި ހިނގާކަމަށް ޝައިޚް އިމްރާން ޢަބްދުﷲ އަށް ފާހަގަކުރެވިފައިވާނަމަ، އެކަންކަން ހުށަހަޅުއްވާނެ މުއައްސަސާތައް ރާއްޖޭގައި ޤާއިމުވެފައި އެބަހުރި ކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކަށް ހުށަހަޅުއްވައިގެން ކުރިއަށް ވަޑައިގަތުމަށް ރަޢީސް އެދި ވަޑައިގެންނެވިކަމަށްވެސް ވިދާޅުވެފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން އުފައްދާފައިވާ މުއައްސަސާތަކާއި، ނިޒާމުތަކަށް ޖާގަދެއްވައިގެން، ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކަމުގައި އަދާލަތު ޕާޓީއާއެކު ބޭއްވި މި ބައްދަލުވުމުގައި ވިދާޅުވި ކަމަށްވެސް ރަޢީސް އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.