ޢާއްމު ދިރުއުޅުމުގައި އަންހެނުންނަށް ދިމާވާ މައްސަލަތައް ކަމަށްވާ ފޮށުމާއި ބިރު ދެއްކުމާއި އަނިޔާވެރިކަމާ ދެކޮޅު ހެދުމަށް "އޮކިއުޕައި ރޭގަނޑު"ގެ ނަމުގައި ޚާއްސަ ޙަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
ޒުވާން އަންހެނުންތަކެއް އިސްނަގައިގެން ރަސްރަނިބިގީޗާގައި މިރޭ 9 އިން 12 އަށް ކުރިއަށްގެންދިޔަ މިޙަރަކާތަކީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މިޙަރަކާތަކީ އަންހެނުންނަށް ދިމާވާ އެކިއެކި މައްސަލަތަކާމެދު ޢާންމުން ހޭލުންތެރި ކުރުވުމާއި އެއްބައިވަންތަކަން އިތުރު ކުރުމާއި އަންހެނުން ބާރުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިއީ އަންހެނުން ވެސް ރޭގަނޑު މަގުމަތީގައާއި ޢާއްމުތަންތާގައި ބިރަކާނުލައި އުޅުމަށާއި އެފަދަ ތަންތަން ބޭނުންކުރުމުގެ ފުރުސަތު އޮންނަންޖެހޭކަމަށް ގޮވާލައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިހަރަކާތުގައި ވަނީ މަގުމައްޗާއި ޢާއްމުތަންތަނާއި އޮފީސް މާހައުލަކީވެސް އަންހެނުންނަށް އަމާން ތަންތަން ކަމުގައި ހަދަން ބާރު އެޅުމަށް ގޮވާލާފައެވެ.
ދުވާލެކޭ އެއްފަދައިން ރޭގަނޑު ވެސް ބޭރުގައި އުޅޭނަމަ ފޮށުމާއި ފުރައްސާރައާއި ބިރު ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް ބައިވެރިން ވަނީ އަޑު އުފުލާފައެވެ. އަދި މިޙަރަކާތުގައި ބައިވެރިވި ފަރާތްތަކުން ވަނީ ދިމާވެފައިވާ އެކިޙާދިސާތައް ޙިއްސާކޮށްފައެވެ.
ކުދިވިޔަފާރިތަކަށް ވެސް ފުރުސަތު ހުޅުވާލައިގެން ބޭއްވި އިވެންޓް ޚާއްސަކޮށްފައިވަނީ ހަމައެކަނި އަންހެނުންނަށް ބައިވެރިވެވޭ ގޮތަށެވެ. މިދިޔައަހަރު އަންހެނުންގެ ދުވަހާ ގުޅިގެން ވަނީ "އޮކިއުޕައި ސައިހޮޓާ"ގެ ނަމުގައި މިފަދަ އިވެންޓެއް ބާއްވާފައެވެ.