ސިޔާސީ

ޑީޓޮކްސިފިކޭޝަން ޚިދުމަތާއި އެކު އައްޑޫސިޓީ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރ ހުޅުވައިފި


އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރ މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.

މި ސެންޓަރ ހުޅުވައިދެއްވީ އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހެވެ. މިއީ އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓުގައިވެސް ހިމެނޭ މަޝްރޫޢެކެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަކީ މީގެކުރިންވެސް ޚިދުމަތް ދެމުންދިޔަ ތަނެކެވެ. މިތަން ހިތަދޫގައި ހުޅުވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަޞަން މަނިކުގެ ސަރުކާރުންނެވެ. މިތަން ބަންދު ކުރީ 2016ވަނަ އަހަރުގެ ތެރޭގައެވެ. އައްޑޫ ސިޓީގައި ހުންނަ ޑްރަގް ސެންޓަރ ބަންދުކުރިއިރު އެތަނުން ހަމައެކަނި ލިބޭ ޚިދުމަތަކީ ކޮމިއުނިޓީ ސަރވިސްގެ ޚިދުމަތެވެ. ނަމަވެސް މިއަދު އެތަން މަރާމާތު ކުރުމަށްފަހު އަލުން ހުޅުވިއިރު ޑިޓޮކްސިފިކޭޝަންގެ ޚިދުމަތުގެ އިތުރަށް އެޑްމިޓު ކޮށްގެން ފަރުވާ ދޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. މިތަން އަލުން މިއަދު ހުޅުވިއިރު މިތަނުގެ ނަން ވަނީ ހިތަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކޮށްފައެވެ.

އައްޑޫ ސިޓީ ހިތަދޫ ޑްރަގް ރީހެބެލިޓޭޝަން ސެންޓަރ ޑިޓޮކްސިފިކޭޝަން ސަރވިސްއާ އެކު އަލުން ހުޅުވިއިރު މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ރައީސް ޞާލިޙު ބައެއް ރަށްތަކަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދެކެވެ. ޑިޓޮކްސިފިކޭޝަން ޚިދުމަތަކީ މަސްތުވާތަކެއްޗާއި ބަނގުރަލަށް ދެވިހިފާފައިވާ ތިބޭ ފަރާތްތައް، އެފަދަ ވަބާއިން ސަލާމަތްކުރުމަށް ދޭ ޚިދުމަތެކެވެ.