އެއިމްސް ހެލްތް ކެއާ އާއި އިންޑިޔާގެ މަޝްހޫރު އެޕޯލޯ ހޮސްޕިޓަލް ގުޅިގެން އެއިމްސް ޑައިގްނޯސްޓިކް ކެއާ ގައި ޙާއްސަ ޓެލެމެޑިިސިން ސެންޓަރެއް އައްޑޫސިޓީގައި ހުޅުވައިފިއެވެ.
އައްޑޫ ސިޓީ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ކްލިނިކްއިން މި ޚިދުމަތް އައްޑޫ އަށް ތައާރަފްކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު އެޕޯލޯ ހޮސްޕިޓަލާ ގުޅިގެންނެވެ. "އެޕޯލޯއެއިމްސްގެ" ނަމުގައި ތައާރަފްކޮށްފައިވާ މި ސެންޓަރު ފޭދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނެވެ.
ރާއްޖޭގައި މުޅިން އަލަށް ފެށި މި ޚިދުމަތުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ގިނަ ބަޔަކަށް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ޓެލެހެލްތު ކެއަރ ޕްރޮގްރާމުގެ ދަށުން ބަލިމީހުންނަށް ގައުމުން ބޭރަށް ނުގޮސް އެއިމްސް ހޮސްޕިޓަލް މެދުވެރިކޮށް އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލުގެ ޚާއްޞަ ސްޕެޝަލިސްޓުންނަށް ދެއްކޭނެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެއިމްސް ހެލްތް ކެއާގެ މެނޭޖިންގް ޑިރެކްޓަރ އަލީ އިހްސާން ވިދާޅުވީ ޓެލެމެޑިސިންގެ ޚިދްމަތް ތައާރަފް ކުރުމުގެ ބޭނުމަކީ ރާއްޖެއިން ދެއްކެން ނެތް ޑޮކްޓަރުންނަށް ކުޑަ ޚަރަދެއް ކޮށްގެން ފަރުވާ ހޯދުން ކަމަށެވެ. އަދި ކުރިއަށްއޮތްތާގައި ލޮލުގެ ފަރުވާ، ޓެލެރޭޑިއޯލޮޖީ އަދި އިމަޖެންސީގެ ޚިދްމަތްތައްވެސް މުސްތަޤްބަލުގައި ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޓެލްމެޑިސިން ޚިދްމަތުގެ މަޤްސަދަކީ ރާއްޖެއިން ނުވަތަ މި ސަރަހައްދުން ލިބެން ނެތް ޑޮކްޓަރުންގެ ސްޕެޝާލިޓީތަކައް ތިބޭފުޅުންނަށް ވަރަށް ކުޑަ ޚަރަދެއް ކޮށްގެން އައްޑޫގަ ތިއްބަވައިގެން އެޕޯލޯ ހޮސްޕިޓަލްގެ އެތައް ބައިވަރު ޑޮކްޓަރުން ތަކަކައް ވަގުތުން ވަގުތައް އެކްސެސްތަކަކައް ލިބުމަށްޓަކައި އުފައްދާ ޚިދްމަތެއް. މިގޮތުން އަޅިުގަނޑުމެން ކުރިއަށްއޮތްތާގައި ކުރިއަށްއޮތްތާގައި ލޮލުގެ ފަރުވާ، ޓެލެރޭޑިއޯލޮޖީ އަދި އިމަޖެންސީގެ ޚިދްމަތްތައްވެސް މިފަދަ ޓެލެހެލްތް ސެންޓަރަކުން ފޯރުކޮށްދިނުމަށް" އެއިމްސް ހެލްތް ކެއާގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް އަލީ އިހްސާން ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި އަލަށް ޓެލެމެޑިސިން ނުވަތަ ދުރުތާ ފަރުވާ ލިބިގަތުމުގެ ޚިދްމަތް އައްޑޫސިޓީގައި ތައާރަފްކޮށްފައިވާއިރު، މި ޚިދްމަތުގެ ސަބަބުން ބަލިމީހާއާއި ޑޮކްޓަރާއި އެއްތަނެއްގައި ތިބެގެން ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ކުރިއަށް ނުގެންދެވޭ ފަދަ ހާލަތްތަކުގައި ވެބްކެމްގެ ޒަރިއްޔާއިން ޑޮކްޓަރަށް ދެއްކޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ޓެލެމެޑިސިންގެ ޚިދުމަތަކީ މި ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ޚާއްސަކޮށް މަތީ ފެންވަރުގެ ޑޮކްޓަރުންގެ ލަފާ ލިބިދެވޭނެ ޒަމާނީ ވަޞީލަތް ޤާއިމްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި ޚިދްމަތް ތައާރަފްކޮށް އަވަސްމިނެއްގައި މިކަން ކުރިއަށް ގެންދިއުމަށްޓަކައި އެއިމްސް ކްލިނިކްއިން އިސްނެންގެވި ނެންގުމަކީ ވަރަށް ބޮޑަށް ފާހަގަކުރާ ކަމެއް ކަމަށް. އަމިއްލަ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތައް ކުރިއަށް ނެރުނުކަމުގައި އަމިއްލަ ފަރާތްތަކުން ސިއްހީ ދާއިރާއާއި އަދި އެކި ދާއިރާތަކުގަ ކަންކަން ހާސިލް ކުރުމަށް ކުރާ މަސަތްކަތަކީ ރާއްޖެއެކި ރޮގު ރޮގުން ކުރިއަރައިގެންދާނެ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.
ބަލިމީހާގެ ހުރިހާ ރިޕޯޓްސް ތަކާއެކު އޯޑިއޯ ނުވަތަ ވީޑިއޯ ވިޝުއަލްގެ އެހީގައި އެޕޯލޯ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ގުޅާލުމުގެ އިތުރަށް ސްޕެޝަލިސްޓުންގެ އިރުޝާދާއެކު ބޭސް ކުރިއަށް ގެންދެވި ބަލިމީހާގެ ބަލި ޑައިގްނޯސް ކޮށް ބަލިމީހާ ކަންތައްތައް ކުރަންވާގޮތް ކިޔައިދެވޭނެ އެވެ. އެއިމްސް އިން ބުނާ ގޮތުގައި ޓެލެމެޑިސިންގެ ޚިދްމަތުގެ ދަށުން ބަލިމީހުންނަށް ލިބޭނެ އެންމެ ހާއްސަ ހިދުމަތަކީ އެ ކްލިނިކުގެ ތިބި ހާއްސަ ޑޮކްޓަރުންނާއި ޑޮކްޓަރުންނަށް ހާއްސަ ވެފައިވާ ދާއިރާއަކުން މިވަގުތު އެ ކްލިނިކުން ލިބެން ނެތް ހާއްސަ ފަރުވާގެ ޚިދުމަތް ޑޮކްޓަރުންނާއި ވަގުތުން ގުޅާލެވޭ ގޮތްވުން ކަމަށެވެ.