ވިޔަފާރި

ކޮލޮމްބޯ އަދި ޓްރިވެންޑްރަމަށް ދަތުުރުކުރާ ފަރާތްތަކަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި


އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ކޮލަމްބޯ އަދި ޓްރިވެންޑްރަމަށް ދަތުުރު ކުރާ ފަރާތްތަކަށް ޚާއްސަ ޕްރޮމޯޝަނެއް ސްރީލަންކަން އެއާލައިންސުން ފަށައިފިއެވެ.

ސްރީލަންކަން އެއަރލައިންސްއިން ބުނީ ގަމުން ކޮލަމްބޯ އަށް ދަތުރުކުރާ ފަރާތްތަކަށް ދެކޮޅު ޓިކެޓް ދުއިސައްތަ ނުވަދިހަ އެއް ޑޮލަރަށް އަދި އެއްކޮޅު ޓިކެޓް ސަތޭކަ ހަތްދިހަ ހަ ޑޮލަރަށް ލިބޭނެކަމަށެވެ. އަދި ގަމުން ޓްރިވެންޑްރަމް އަށް ދަތުރުކުރާ ފަރާތްތަކައް ދެކޮޅު ޓިކެޓް ދުއިސައްތަ ތިރީސް ފަސް ޑޮލަރަށް ލިބޭނެކަމަށާއި އަދި އެއްކޮޅު ޓިކެޓް ސަތޭކަ ސައްބީސް ޑޮލަރަށް ލިބޭނެ ކަމަށް ސްރީލަންކަން އެއަރލައިންސްއިން ބުނެއެވެ.

ސްރީލަންކަން އެއަރލައިންސްއިން ބުނީ ޚާއްސަ ޕްރޮމޯޝަންގެ ދަށުން ދަތުރުކުރައްވަން ބޭނުންފުޅު ފަރާތްތަކުން މި މަހުގެ 14 އިން 20 ވަނަ ދުވަހާއި ހަމަޔަށް ޓިކެޓް ނެގުމުގެ ފުރުސަތް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޓިކެޓް ނަންގަވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ދަތުރު ކުރެވޭނެ ކަމަށްވެސް ސްރީލަންކަން އެއަރލައިންސްއިން ބުނެއެވެ.

މި ޕްރޮމޯޝަނާއިގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ސްރީލަންކަން އެއަރލައިންސްގެ ޖެނެރަލް ސޭލްސް އެޖެންޓްގެ ނަންބަރަށް ގުޅުމުން ލިބޭނެކަމަށް ސްރީލަންކަން އެއަރލައިންސްއިން ބުނެއެވެ.