ރާއްޖޭގެ ވެރިރަށް މާލެ ސިޓީ ނެގުމަށްފަހު ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް އަތޮޅަކީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއެވެ. އައްޑޫ އަތޮޅަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ދިން އިރުވެސް އެ ސިޓީގައި އަތޮޅު ހޮސްޕިޓަލެއް ހުރެއެވެ. ބައެއް ގުޅިފައިވާ ރަށްތަކަށް ދިއުމަށް އޮންނަ ލިންކްރޯޑްގައި އޮންނަނީ ވަށައިގެން ތާރު އަޅާފައެވެ. އައްޑޫ ސިޓީގެ މައި ހަބު ނުވަތަ އެ ސިޓީގެ ހިތަދޫ ބޮޑު މަގުގައިވެސް ތާރު އަޅާފައި އޮވެއެވެ. ދާދިފަހަކުން އެހެން ރަށްތަކުގެ ބައެއް މަގުތަކުގައި ތާރު އަޅާފައިވީ ނަމަވެސް އެ މަގުތަކަކީ ޒަމާނީ މަގުތަކަކެކޭ ދެންނެވޭކަށް ނެތެވެ. އައްޑޫގެ ރައްޔިތުން އެންމެ ބޮޑަށް ކުރަމުން އަންނަ އެއް ޝަކުވާ އަކީ އަބަދުވެސް އެއީއެވެ.
ޕާޓީ ސިސްޓަމެއްގެ ތެރެއިން ރާއްޖޭގެ ވެރިކަން ކުރަން ފެށި ހިސާބުންވެސް މިއަދާ ހަމައަށް މިއީ ތިންވަނަ ހަތަރުވަނަ ވެރިކަމެވެ. އެންމެ އާބާދީ ގިނަ އަތޮޅަކީ އައްޑު އަތޮޅު ކަމަށްވުމުން ރިޔާސީ އިންތިޚާބުގައި ކޮންމެ ކެންޑިޑޭޓަކުވެސް އައްޑޫ ރައްޔިތުންނަށް އެތައް ހުވަފެންތަކެއް ދިޔައީ ދައްކަމުންނެވެ. ދާދިފަހުން ނިމިގެންދިޔަ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުންވެސް އައްޑޫއަށް ބޮޑެތި ކަންތައްތަކެއް ކޮށްދިނުމަށް ވަޢުދުވެވަޑައިގަތެވެ. އޭގެތެރެއިންވެސް އެންމެ ބޮޑު އެއް ވަޢުދަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ ކޮންވެންޝަން ސެންޓަރުގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތެވެ. ވެރިކަން ނިމިގެން އައު ވެރިކަމެއް ފެށުނުއިރުވެސް އެ ހުވަފެން ހަގީގަތަކަށް ހެދިފައެއް ނުވެއެވެ. އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދާ ދޭނެ ކަމަށް ވަޢުދުވި ނަމަވެސް ފެނިގެން ދިޔައީ އެ މަގުތަކުގައި މަސައްކަތްތަކެއް ނުކޮށް މަގުތަކުގެ ޙާލަތު އިތުރަށް ދަށްވެގެން ދިޔަ މަންޒަރެވެ. އެހެންކަމުން އައްޑޫ ރައްޔިތުން ތިބީ އެ ސިޓީގެ ރައްޔިތުންނަށްވެސް ޒަމާނީ ތަރައްޤީގެ ކުލަ ޖެހިގެންދާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ.
އައު ވެރިކަމަށް އަދި މިވީ ގާތްގަނޑަކަށް ހަތަރު ވަރަކަށް މަހެވެ. ކުރިނެކޭ އެއްގޮތަށް އައު ވެރިކަން އައުމާއި އެކު އައްޑޫ ރައްޔިތުން އަނެއްކާވެސް އައު އުއްމީދުތަކެއް އައްޑޫއާ ދޭތެރޭގައި ކުރަމުން ދިޔައެވެ. އައްޑޫއަށް ޒަމާނީ ތަރައްޤީގެ ފޮނި ހުވަފެންތަކެވެ. ދާދި މިދާއްކަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު އައްޑޫ ސިޓީއަށް ވަޑައިގަތެވެ. ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ ކެމްޕެއިން ލޯންޗު ކޮށްދެއްވުމަށް ވަޑައިގެން އެމަނިކުފާނު ވަނީ މަރަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ވެގެން ދިޔައީ އައްޑޫގެ ރައްޔިތުން އުފާ ކުރުވަނިވި ވާހަކަފުޅުތަކަކަށެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް އައްޑޫ ސިޓީއަށް އެކަނި އިޢުލާން ކުރައްވާފައެވެ.
އައްޑޫގައި ހިންގަން ރަވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި:
• ޓޫރިޒަމްއަށް 8000 އެނދު އިތުރު ކުރުން
• އައްޑޫގެ ބިން އިތުރު ކުރުން
• ބައިނަލްއަގުވާމީ ފެންވަރަށް އައްޑޫގެ ޕޯޓު ތަރައްގީ ކުރުން
• 17 ކިލޯ މީޓަރު މަގު ހެދުން
• ކަނޑުމަސް ފެކްޓަރީއެއް ތަރައްގީ ކުރުން
• ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް
• ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ސްވިމިން ޕޫލާއި ފުޓްބޯލް ސްޓޭޑިއަމް
• ރާއްޖޭގެ އެންމެ ބޮޑު ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު
• ބޯހިޔާވެހިކަން
• އިސްލާމިކް ސެންޓެރެެއް
• 2000 މީހުންގެ ޖާގައިގެ މިސްކިތަކާއި ލައިބްރެރީ
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި އުއްމީދީ ވާހަކަފުޅުތަކާއި މެދު އައްޑޫ ރައްޔިތުން މިއަދު ތިބީ ހިތްހަމަޖެހިގެންނެވެ. ރައީސް ޞާލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީއަށް ޒަމާނީ ތަަރައްޤީގެ ހަޤީގީ ކުލަ ޖެހިގެންދާނެ ކަމުގެ އުއްމީދުގައެވެ.
"އަޅުގަނޑުމެން ބޭނުން މި ތަރައްގީ ގެނައުމަށް މިއަދުން މިއަދަށްވެސް މި މަޝްރޫއުތައް ފެށުމަށް. ކޮންމެ ވެރިއަކުވެސް އައިސް މި ފަސް އަހަރުގެ ވެރިކަމުގަ ވަރަށް ކަނަތައްތައް ކޮށްދޭނަމޭ ކިޔަނީ. އެހެން ނަމަވެސް މިފަހަރު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ވައުދުވެ ވަޑައިގެންނެވި ހުރިހާ މަޝްރޫޢުތަކާއި، އައްޑޫގެ މަގު ހެދުމާއި އައްޑޫއަށް އަންނަ އީކޯ ޓުއަރިޒަމް ރޫމްތައް އެޅުމާއި މިކަހަލަ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ މި ސަރުކާރާއި އަދި މަޖިލީހުން މި ސަރުކާރަށް އެއްބާރުލުން ދީފިއްޔާމުން" އައްޑޫ ސިޓީން ވާހަކަދެއްކި މީހަކު ބުންޏެވެ.
ކޮންމެއަކަސް އައްޑޫ ސިޓީއަކީ ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު އެއް ސިޓީއެވެ. މި ސިޓީގައިވެސް ދިރިއުޅެމުން މިދަނީ ދިވެހި ރައްޔިތުންނެވެ. އައްޑޫއަކީ ސިޓީއެއްގެ ދަރަޖަ ދީފައިވާ ތަނެއްކަމަކު މިތަނަށް އަދިވެސް އިތުރު ތަރައްޤީ ބޭނުންވެއެވެ. ދިރިއުޅޭ އާބާދީއަށް ބަލާއިރު މިތަނުގައި ތަރައްޤީގެ މާބޮޑެތިި ކުލަވަރުތަކެއް އަދިވެސް ފެންނާކަށް ނެތެވެ. ނަމުގެ ފަހަތަށް ސިޓީއެއްގެނަން އަންނައިރު ސިޓީއަކުން ލިބެންޖެހޭ ޚިދުމަތްތައް ލިބިގެން ނުދާނަމަ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަމުން ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ.
އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އެކަމުން ލިބޭނެ އެއްވެސް މަންފާއެއް ނެތެވެ. އެހެންކަމުން އައްޑޫ ރައްޔިތުންގެ އުއްމީދަކީ ރައީސް ޞާލިޙުގެ ތަޞައްވަރާއި އެއްގޮތަށް އައްޑޫއަށް ތަރައްޤީ ވެގެންދިއުމެވެ.