ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް އައުމަށް ގޮވާލުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި އެކަމާއިމެދު ދިވެހި ރައްޔިތުން ސަމާލުވާންޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.ފުލުހުންގެ އަހަރީދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަށް ބޭރުގެ ސިފައިން ގެނައުމަށް ރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރުކަން ކުރައްވާފައިވާ ދެބޭފުޅަކު ބާރުއަޅަމުންދިއުމަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށެވެ.ރައީސް ޔާމީން ވިދާޅުވީ، ޑިމޮކްރެސީގެ ނަމުގައި މުޅި ގައުމަށް އެފަދަ މުސީބާތެއް ޖެއްސުމަށް ގޮވާލުމަކީ ގައުމަށް ހެޔޮއެދޭބަޔަކު ކުރާނެކަމެއް ނޫންކަމަށެވެ. އަދި އެބޭފުޅުން ނިސްބަތްވާ ޕާޓީން މިކަމުގައި އެއްޗެއް ނުބުނަނީ ކީއްވެގެންތޯ ރައީސް ސުވާލު އުފެއްދެވިއެވެ.ރާއްޖޭގެ ދާޚިލީ ކަންކަމުގައި ބޭރުގެ ފަރާތްތަކުން ގޮތްކިޔައި ރާއްޖޭން އެގޮތަށް އަމަލުކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ޖާގަނުދެއްވާނެކަމަށް ވިދާޅުވަމުންގެންދަވާ ވިދާޅުވުން ރޭވެސް ރައީސް ޔާމީން ތަކުރާރު ކުރެއްވިއެވެ.އިދިކޮޅު ފަރާތްތަކުން އަޑު އުފުލިޔަސް ރާއްޖޭގެ ކަންކަން ބަލަން ބޭރު މީހުން ނާންނާނެކަމަށާއި، ސަރުކާރު ދެމި އޮތްހާ ހިނދަކު ބޭރުގެ ނުފޫޒު ރާއްޖެއަށް ނުފޯރާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވިއެވެ.ޤައުމުގެ ސިޔާދަތައް ގެއްލުންވާ އެއްވެސްކަމަކަށް ޖާގަ ނުދެއްވާނެކަމަށާއި، މުޅި ދައުލަތުގެ އަމަނާއި ދައުލަތުގެ ސަލާމަތަށް ވުރެ މުހިންމު ކަމެއް އެމަނިކުފާނުގެ ސަރުކާރަށް ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ.