އެސްއެމްއީ ބޭންކުގެ ޙިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިފްތިތާޙްކޮށް ކޮށްދެއްވައިފިއެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ހުޅުވި ފުރަތަމަ މާލީ އިދާރާއެވެ.
އެސްއެމްއީ ބޭންކު ހިންގުމަށްޓަކައި އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑު، އެސްޑީއެފްސީގެ އޮފީސް ހުޅުވާފައިވަނީ ހ. ސަކީނާ މަންޒިލްގެ ތިންވަނަ ފަންގިފިލާގައެވެ. ސަތޭކަ އިންސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނި އުފައްދާފައިވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ކައުންސިލުގެ ފަހެއް އިންސައްތަ ހިއްސާ ހިމަނައިގެންނެވެ.
އެސްއެމްއީ ބޭންކުގެ ޙިދުމަތް އިފްތިތާހްކުރުމަށް ނޭޝަނަލް އަރޓު ގެލަރީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ.
"ރާއްޖޭގެ ވިޔަފާރީގެ މާހައުލުގައި ހަރަކާތްތެރިވާ ގާތްގަނޑަކަށް ނުވަދިހަ ތިނެއް އިންސައްތަ ވިޔަފާރިއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް، އެ ނިސްބަތުން ބަލާ ނަމަ ޤައުމީ އިޤްތިސާދުގެ މައިބަދަ އަކީ އެބާވަތުގެ ވިޔަފާރިތައް، އަދަދުން ބަލާނަމަ ބޮޑެތި ވިޔަފާރިތަކުގެ ކެޕިޓަލް އަދަދު ނުވަތަ ރައޫސުލްމާލު އެތައް ބިލިއަނަކުން ގުނާލެވޭ، އެކަމަކު ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އެންމެ ގިނައިން އުފައްދައިދެނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.
ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކުގެ ޚިދުމަތް ދޭންފެށުމަކީ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެސްޑީއެފްސީއިން ދޫކުރާ ލޯންތަކުގެ ވަކި ބައެއް ޒުވާން ވިޔަފާރިވެރިންނާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކުރުމަށްވެސް ވަނީ ނިންމާފައެވެ
އެސްޑީއެފްސީއިން މައިގަނޑު ހަތަރު ދާއިރާއަކުން ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ހަތަރު ދާއިރާއަކީ ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމްގެ ދާއިރާއާއި ދަނޑުވެރިކަމާއި އުފެއްދުންތެރިކަމާއި ގުޅޭ ވިޔަފާރިތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއެވެ.
މިއަދުން ފެށިގެން މި ދާއިރާތަކަށް އަމާޒްކޮށްގެން ތަފާތު ހަަތަރު ލޯނަކަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދޫކުރާ "ރަށު ފަތުރު ލޯން ސްކީމް"އާއި، ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރާ "ވިޔަފާރިއެހީ ލޯން ސްކީމް"އާއި ވިޔަފާރިތަށް ފުޅާކުރުމަށް ބޭނުންވާ މުދާ ގަތުމަށް ދޫކުރާ "ހަރު މުދާ ލޯން ސްކީމް"އާއި ދަނޑުވެރިކަން ކުރިއެރުވުމަށް "ދަނޑުވެރި ނަފާ"ގެ ނަމުގައި ދޫކުރާ ލޯން ސްކީމެވެ.
އެސްޑީއެފްސީއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޒީނާދު ވިދާޅުވީ އެސްޑީއެފްސީއިން މިހާރު ދޫކުރުމަށް ކަނޑައަޅާފައިވާ ލޯންތަކުގެ އިތުރުން އެހެން ދާއިރާތަކަށް ޙާއްޞަކޮށްގެންވެސް ލޯނު ތައާރަފްކުރުމަށް ރާވާފައިވާ ކަމަށެވެ.
"އެސްޑީއެފްސީއިން ވިޔަފާރިތަކަށް ބޭނުންވާ ލޯން އެހީއާއި ފަންނީ އެހީ ލިބިގެންދާނެ، ތަފާތު ހަތަރު ދާއިރާއަކުން ލޯންތައް ދޫކުރުމަށް މިވަނީ ހަމަޖެހިފައި، އަދި ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކަށް އަމާޒްކޮށްގެން ލޯންތައް ތައާރަފްކުރެވިގެންދާނެ،" ޒީނާދު ވިދާޅުވިއެވެ.
މި ލޯންތަކާ ގުޅޭ އިތުރު މައުލޫމާތު، އެސްޑީއެފްސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ބޭންކުން ބުނެއެވެ. އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރުމުގެ ކުރިން ދެފުށް ފެންނަ ގޮތަކަށް އިވެލުއޭޓްކުރާނެއެވެ. މިގޮތުން ލޯނު ދޫކުރާބީ ހުށަހަޅާ ޕްރޮޕޯސަލަށާއި، ޤާބިލްކަމަށް ބެލުމަށްފަހު ކަމަށް އެ ބޭންކުން ބުނެއެވެ. މި ބޭންކުން ލޯނު ދެމުން ދާނީ ވިޔަފާރި ކާމިޔާބުވާ މިންވަރަކަށް ބަލައިގެން ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ފަންނީ އެހީތެރިކަން ދީގެން ކާމިޔާބު ވިޔަފާރިއަކަށް އެ ވިޔަފާރިތައް ހެއްދެވުމަށް އިކޮނޮމިކް މިނިސްޓްރީން އެއްބާރުލުންދީ މަސައްކަތްކުރައްވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މީގެ ކުރިން ސަރުކާރުން ދޫކުރަމުން ގެންދިޔަ ގެޓްސެޓް ލޯނުގެ ބަދަލުގައި، ކުރިއަށް އޮތްތާނގައި ލޯނު ދޫކުރާނީ އެސްޑީއެފްސީއިން ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.