ސިޔާސީ

ހައުސިންގ މިނިސްޓްރީގެ 2011ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު


ހައުސިންގ އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން 2011 ވަނަ އަހަރު ޤާނޫނާ ޚިލާފަށް ގިނަ ޚަރަދުތަކެއް ކޮށްފައިވާކަން އެމިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.އޮޑިޓަރ ޖެނަރަލް ހަސަން ޒިޔާތު މިއަދު ނެރުއްވި ހައުސިންގ މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެއަހަރުގެ ބަޖެޓުގައި ނުހިމެނޭ ކަންކަމަށް ޚަރަދުކުރުމުގެ އިތުރުން،  ބައެއް ޕްރޮޖެކްޓްތައް ވަނީ ޓެންޑަރަށް ނުލާ އެކި ފަރާތްތަކާއި ހަވާލުކޮށްފައެވެ. މިގޮތުން ބަޖެޓްގައި ނުހިމެނޭ މަސައްކަތެއް، ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ޓެންޑަރަކަށް ނުލާ ބަޔަކަށް ދީފައިވާ ކަމަށް މިރިޕޯޓްގައިވެއެވެ.މީގެ އިތުރުން ބަޖެޓުގައި ނުހިމެނޭ ބަނދަރުތަކެއް ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، ސަތޭކަ ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ވޯކްސް ކޯޕަރޭޝަނާ ހަވާލުކުރެވުނު ނަމަވެސް، ފަހުން އެއްބަސްވުމަށް ބަދަލު ގެނެސް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް އެއްބަސްވުން ބަދަލުކުރިކަންވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މިމަސައްކަތާއި ބެހޭ ގޮތުން އެރަށްރަށުގެ ރައްޔިތުންނާއި މަޝްވަރާކޮށްފައިވަނީ މަސައްކަތް ހަވާލުކުރިތާ ތިން މަސްފަހުންކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުން ގެންނަން ބޭނުންވި ބަދަލުތަކެއް ގެންނަން ޖެހުމުގެ ސަބަބުން އޮނަތިރީސް މިލިއަނަށްވުރެ ގިނަ ރުފިޔާ މިޕްރޮޖެކްޓަށް އިތުރަށް ޚަރަދުވެފައިވާކަމަށް ރިޕޯޓްގައިވެއެވެ.މީގެ އިތުރުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 45 މިލިއަން 5 ލައްކައަށް ވުރެ ގިނަ ރުފިޔާ އެމިނިސްޓްރީން ހޯދާފައިނުވާކަންވެސް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.