ޚަބަރު

ސްޕެޝަލް އޮލިމްޕިކް ގޭމްސްއިން މެޑަލް ހޯދި އެތްލީޓުންނަށް ޚޫނު މަރުޚަބާއެއް ކިޔައިފި


ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްއިން މެޑަލް ހޯދި އެތްލީޓުން ރާއްޖެއައުމުން އެ އެތްލީޓުންނަށް ޚޫނު މަރުޚަބާއެއް ކިޔައިފިއެވެ.
އަބޫދާބީގައި އޮތް ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްއިން މެޑަލް ހޯދި އެތްލީޓުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޚަބާ ދެއްނެވީ މިނިސްޓަރ އޮފް ޓުއަރިޒަމް އަދި އެކްޓިންގ ޔޫތް މިނިސްޓަރ އަލީ ވަހީދާއި، ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފާއި، ދެ މިނިސްޓްރީގެ އިސްވެރިންނެވެ. މީގެ އިތުރުން މާލޭ އެއްނަންބަރު ފާލަން ސަރަހައްދުން އެތްލީޓުންގެ އާއިލާގެ މެންބަރުންނާއި، އެކި އެކި އެސޯސިއޭޝަންގަތަކުގެ ވެރިންވެސްވަނީ ޚޫނު މަރުޚަބާއެއް ކިޔާފައިއެވެ. ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްއިން ރާއްޖޭގެ ޝިފްނާ އިބްރާހިމްވަނީ 100 މީޓަރު ދުވުމުގެ ރަން މެޑަލް ހޯދާފައިއެވެ. އަދި ނަސްމީ ވަހީދުވަނީ 200 މީޓަރ ދުވުމުން ސިލްވާ މެޑަލް ހޯދާފައިއެވެ. އެތްލީޓުންނަށް މަރުޚަބާ ދެއްނެވުމަށްފަހު މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި ކުދިންނަކީ ކުޅިވަރުގެ މައިދާނުގައި މަދު ފުރުސަތުތަކެއް ލިބޭ ބައެއްކަމުން މިކަހަލަ ފުރުސަތެއް ލިބި މި ހޯދި ކާމިޔާބަކީ ހުރިހާ ގޮތަކުންވެސް ޚާއްސަ ކާމިޔާބީއެކެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރުގެ ދާއިރާއިން ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްއިން މެޑަލް ހޯދި އެތްލީޓުންނާއި ބައްދަލުކޮށް އެކުދިންނަށް މަރުޚަބާދެންނެވުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.