ޚަބަރު

ރޮނާލްޑޯގެ ފަޔަށް ލިބުނު އަނިޔާ ސީރިއަސްއެއް ނޫން - ޔުވެންޓަސް


ޤައުމީ ޓީމަށް ކުޅެނިކޮށް ރޮނާލްޑޯގެ ފަޔަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫންކަމަށް ޔުވެންޓަސްއިން ބުނެފިއެވެ.

ޔޫރޯ ކޮލިފައިންގައި ސާރބިއާއި ވާދަކުރި މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާވަނީ ބަދަލުކޮށްފައެވެ. އަދި އެނބުރި އިޓަލީއަށްގޮސް އަނިޔާގެ ތަފްސީލްތައް ހޯދުމަށް އިތުރު ޓެސްޓުތަކެއްވެސް ވަނީ ހަދާފައެވެ.

ޔުވެންޓަސްއިން ބުނީ ރޮނާލްޑޯގެ އަނިޔާ އެހާ ސީރިއަސް ނޫންކަމަށާއި، ގިނަވެގެން ރޮނާލްޑޯ ކުޅުމާއި ދުރުގައި ހުންނާނީ ދެ ހަފްތާކަމަށެވެ. އަދި ރަނގަޅަށް އަރާމުކުރެވިއްޖެނަމަ ހަފްތާއެއްހާ ދުވަސްފަހުންވެސް ފަރިތަކުރުންތަކުގައި ބައިވެރިވޭނެކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލްގައި އަޔެކްސްއާއި ވާދަކުރާ މުހިންމު މެޗު ކުރިއަށް އެބައޮތެވެ. އޭޕްރިލް 10ވަނަ ދުވަހު ކުޅޭ މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑުކަމަށްވެސް ޔުވެންޓަސްގެ ބަޔާނުގައިވެއެވެ.

މި މެޗުގެ ކުރިން އިޓަލިއަން ސެރީއާގައި އެމްޕޯލީ އަދި ކްގަލިއާރީއާއި ވާދަކުރާ މެޗާއި އޭސީ މިލާނާއި ވާދަކުރާ ފޯރިގަދަ މެޗުވެސް ޔުވެންޓަސްއަށް އެބައޮތެވެ. މިހާތަނަށް މި ސީޒަންގައި ޔުވެންޓަސްއަށް ކުޅެދިން 26 މެޗުގައި އޭނާވަނީ 19 ގޯލް ޖަހާފައެވެ.