ޚަބަރު

ތިން ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި


ތިން ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށްގެންދިޔުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތްތައް ހަވާލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރަސްޓްރަކްޗަގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދުއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޙަސަން ޝާހެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިބާ ތިން މަޝްރޫޢަކީ ފުވައްމުލަކުގެ ރިންގްރޯޑު ހެދުމާއި ގއ.ކަނޑުހުޅުދޫ ބަނދަރުގެ އެއްގަމު ތޮށި ހެދުމާއި ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމެވެ.

މީގެ ތެރެއިން ފުވައްމުލަކު ސިޓީގެ ރިންގް ރޯޑު ހެދުމުގެ މަޝްރޫޢަކީ 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީ ރިންގް ރޯޑުގެ 2.7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ރަނގަޅު ފެންވަރަށް ތާރުއަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަގުގައި މަގުބައްތިޖެހުމާއި ސައިޑްވޯކް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް އެމްޓީީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭ ނިންމުމަށެވެ.

މީގެ އިތުރުން ގއ. ކަނޑުހުޅުދޫ ބަނދަރުގެ އެއްގަމުތޮށި ހެދުމަށް އެމްޓީސީސީއާ ހަވާލު ކުރެވުނު މަޝްރޫޢަކީ 35 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ. 350 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލު ކުރެވުނު މި މަޝްރޫޢުގެ ދަށުން 414 މީޓަރުގެ އެއްގަމު ތޮށްޓެއް ޖެހުމާއި 40 މީޓަރުގެ ބޭރުތޮއްޓެއްޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 100 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި ނެރުބައްތިއާއި ބަނދަރު ސަރަހައްދުގައި ބައްތިޖެހުމުގެ އިތުރުން އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދެ މަޝްރޫޢުގެ އިތުރުން އެމްޓީސީސީއާ މިއަދު ހަވާލު ކުރެވުނު ސ.ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢަކީ 32 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން މިމަގުގެ 2.02 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ރަނގަޅު ފެންވަރަކަށް ތާރުއަޅައިގެން ހެދުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން އެ މަގުގައި މަގުބައްތި ޖެހުމާއި ސައިޑްވޯކް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.