މަސްވެރިންގެ ޕާރކް ތަރައްޤީ ކުރުމަށްޓަކާއި އެސަރަހައްދުގައި ހުރި އުޅަނދުތަށް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. މަސްވެރިންގެ ޕާކުގައި ކްރޫޒްލައިން ތަކަށް ޚާއްސަ ޓާމިނަލަކާއެކު ޒަމާނީ ފެންވަރަށް އެތަން ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
މަސްވެރިންގެ ޕާރކު ތަރައްޤީކުރުމަށްތަކައި ކުރަންޖެހޭ މަސައްކަތް ފެށުމަށް، އެތަނުގައި މިހާރުހުރި އުޅަނދުތަށް ނަގައި ތަންސާފު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މާލެއަންނަ ފަތުރުވެރިންނަށް ފަސޭހަވާނެހެން ޚާއްސަ އިންތިޒާމުތަކާއެކު މަސްވެރިންގެ ޕާރކު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޢާންމު ފާހާނާތަކަކާއި، މާލެ އަންނަ ބޭރުގެ ބޮޑެތި ކްރޫޒް ލައިނާތަކަށް ބޭނުންވާ ޚިދުމަތްތައް ދެވޭނެފަދަ ޓަރމިނަލަކާއެކުއެވެ. އެއާއެކު ކްރޫޒްލައިންތަކުން ފަތުރުވެރިން މާލެއަށް ފައިބާނެ ޚާއްސަ ސަރަޙައްދުގެ ގޮތުގައި މިސަރަހައްދު ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އެގޮތުން މާލެ އަންނަ ފަތުރުވެރިންނަށް މަޢުލޫމާތު ދޭނެ އިންފޮމޭޝަން ޑެސްކްތަކާއި ފަތުރުވެރިން އަންނައިރު މިސަރަޙައްދުގައި ސެކިއުރިޓީވެސް ހަމަޖެހިފައި އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިތަން ތަރައްޤީ ކޮށް ނިމޭއިރު ޕާރކެއްގެ އިތުރުން، ޕާރކިންގ ޒޯންއެއް ވެސް ޤާއިމް ކުރެވިފައިވާނެ ކަމަށް މާލޭ ސިޓީކައުންސިލުން ވިދާޅުވެއެވެ.
މި ސަރަޙައްދު ތަރައްޤީ ކުރުމަށްޓަކާއި ބޭނުންވާ ތަކެތި މިހާރު އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާ މަސްވެރިންގެ ޕާކު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ހޮނިހިރު ދުވަހު ފަށާނެކަމަށް މާލޭސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ވިދާޅުވިއެވެ. ސިޓީކައުންސިލުގެ އަމާޒަކީ ރޯދަމަހުގެ ކުރިން މަސްވެރިންގެ ޕާރކް ތަރައްޤީކޮށް ނިންމައި އެތަން ހުޅުވުންކަމަށް އޭނާ ވިދާޅުވިއެވެ.