ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް ކުރިއަށް އޮތް ތިރީސް ހަތަރު މަސްދުވަސްތެރޭ ނިމި އެތަނުގެ ބޭނުން ހިފޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދިޔުމަށް އެކި އެކި އެހީދޭ ޖަމިއްޔާތަކާއި އެކު މަޝްވަރާތައްކުރަމުންދާ ކަމަށެވެ.
"ސައުދީ ޑިވެލޮޕްމަންޓް ފަންޑާއި، ކުވެއިތު ފަންޑާއި، އަދި އެހެނިހެން އެހީދޭ ޖަމާއަތްތަކާއި ވާހަކަދައްކައިގެން، އެމަސައްކަތް ވީހާވެސް ހަލުއި ދުވެއްޔެއްގައި ކުރިއަށްގެންދެވޭނެ ގޮތަކަށް މަސައްކަތްކުރަމުން މިދަނީ، ކުރިއަށް އޮތް ގާތްގަނޑަކަށް ތިރީސް ހަތަރުމަސްދުވަސްތެރޭ، ތިބޭފުޅުންނަށް ފެންނާނެ އައު ޓަރމިނަލްއެއް ނިމި، ޓަރމިނަލް ޔޫސްކުރެވޭ ތަން،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ތަރައްޤީގެ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދަން ވާނީ ރަނގަޅަށް ޕްލޭންކުރެވިގެން ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވާނީ އެފަދައިން ނޫން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ރަންވޭއެއް ހެދި، ބޮޑު އިންވެސްޓްމަންޓެއް ކުރެވިގެންދިޔައިރު، ރަންވޭއާ އެއްކޮށް، ޓަރމިނަލްގެ އެޅިގެން ނުދިޔަ، މިހާރު ރަންވޭ އެއޮތީ ރަނގަޅަށް ތަރައްޤީކުރެވިފައި، އެކަމަކު ރަންވޭގެ ބޭނުމެއް ނުހިފޭ ޓަރމިނަލްގެ ނިމިފައި ނެތީމަ،" އަމީރު ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ޕަސިންޖަރ ޓާރމިނަލްގައި 40 ގޭޓް ބަހައްޓައި، 36 އިމިގްރޭޝަން ކައުންޓަރ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި ސީދާ ޕަސެންޖަރ ޓަރމިނަލުން މަތިންދާބޯޓަށް ދެވޭގޮތަށް އެއިރޯ ބްރިޖްވެސް އައު ޓާރމިނަލްގައި ހުންނާނެއެވެ. އާ ޓަރމިނަލް އެޅުމަށް 78 ހާސް އަކަމީޓަރގެ ބޮޑު ބިމެއް ވަނީ ހުސްކޮށްފައެވެ.
އެއަރޕޯޓްގައި މިހާރު ހުރި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ނަމަވެސް، އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ އަލަށް ހަދާ ޓަރމިނަލްގައި، މިހާރު މެނުއަލްކޮށް ދެމުން އަންނަ ގިނަ ޚިދުމަތްތައް އޮޓަމެޓިކް ޚިދުމަތްތަކަކަށް ބަދަލުކުރާނެ ކަމަށެވެ. މި މަސައްކަތް ކުރަނީ ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏެއްކަމަށްވާ ސަޢުދީ ބިންލާދިން ގްރޫޕުންނެވެ.