ޚަބަރު

ޗެސް ޓްރެއިނަރުން ތަމްރީންކުރުމަށް ނެޝަނަލް ޗެސް ސެމިނަރ އެއް ބާއްވަން


ޗެސް ޓްރެއިނަރުން ތަމްރީންކުރުމަށް ނެޝަނަލް ޗެސް ސެމިނަރ އެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މިމަހުގެ ދިހަޔަކުން ސާދައަށް ބާއްވާ ޤައުމީ ޗެސް ޓްރެއިނާސް ސެމިނަރއަކީ ރާއްޖޭގައި ޗެސް ޓްރެއިނަރުން ތަމްރީންކުރުމުގެ ގޮތުން ކުރިއަށްގެންދާ ސެމިނަރއެކެވެ. މި ސެމިނަރގައި ކިޔަވައިދޭނީ ވޯލްޑް ޗެސް ފެޑެރޭޝަންގެ ސަޓިފައިޑް ޓްރެއިނަރެއްކަމުގައިވާ ވިޝާލް ސަރީންއެވެ.

ޤައުމީ ޗެސް ޓްރެއިނާސް ސެމިނަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ ޗެސް ފެޑެރޭޝަނުންވަނީ މިއަހަރު ޗެސްގެ ޓެކްނިކަލް ފަރާތްތައް ތަމްރީންކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ބޭއްވުމަށް ނިންމާފައެވެ. އަދި މިއަހަރު ރާއްޖޭގެ ސްކޫލްތަކުގެ މެދުގައި ޗެސްގެ މަގުބޫލުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއްވެސް ބާއްވަންވަނީ ނިންމާފައެވެ.

އެންމެ ފަހުން ޗެސް އެސޯސިއޭޝަނުން ބާއްވާފައިވަނީ އިންޓަރ ސްކޫލް މުބާރާތެވެ. މިދިޔަ މަހު ބޭއްވި އިންޓަރ ސްކޫލް ޗެސް މުބާރާތުގައި 14 ސްކޫލަކުން 370 ދަރިވަރުންވަނީ ބައިވެރިވެފައެވެ.