ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގައި ބައިވެރިވުމާއި އެފަދަ ތަންތަނުގެ އިސް މަގާމުތައް ފުރުން މަނާކުރާ ގޮތަށް، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހް ތަސްދީގު ނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަނބުރާ މަޖިލީހަށް ފޮނުއްވައިފި. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވީ، ބިލްގައި ހިމެނޭ ބައެއް ކަންތައްތަކާއި ގުޅޭގޮތުން މެމްބަރުން އިތުރަށް ރިއާޔަތް ކުރެއްވުމުގެ ގޮތުންކަމަށެވެ.މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވެއެވެ. އަދި އެޓަރނީޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، މިބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.އެބިލްގައިވާގޮތުން ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުމުގެ އިތުރުން، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ޖަލުގައި ބަންދުކުރެވިފައިވާ ހުންނަ މުއްދަތުގައި ލިބިގެން ނުވެއެވެ.މީގެ އިތުރުން މިއިސްލާހުގައިވާގޮތުން، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއް ޖަލުން ފިލައިގެން ނުވަތަ ބޭސްފަރުވާއަށް ޖަލުން ބޭރުގައި ހޭދަ ކުރާ ދުވަސްތައް، ހުކުމް ތަންފީޒު ކުރާ ދުވަސްތަކުގެ ތެރޭގައި ނުހިމެނޭނެއެވެ. އަދި ހުކުމް ތަންފީޒު ކުރާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބި ޕެރޯލްއާއި ގުޅޭ ގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެނިންމުން ނިންމިތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި ޝަރީއަތަށް ހުށައެޅުމުގެ ހައްގު ހުކުމް ތަންފީޒުކުރާ މީހަކަށް ލިބިގެންވާކަމަށްވެސް އެއިސްލާހުގައިވެއެވެ.