ސިޔާސީ

ހައްޔަރު ކުރެވޭ މީހުންނާމެދު ޕީޖީން ނިންމާގޮތް އަވަހަށް އަންގަނީ


މުޒާހަރާކުރުމުގެތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭމީހުންނާއިގުޅޭ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާގޮތެއް ހައްޔަރުކުރެވިފައިތިބޭ މީހުންނަށް އެގޭނެ އަވަސް އިންތިޒާމެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހަމަޖައްސައިފިއެވެ.އެމްބީސީއަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުންނާއިމެދު ދައުވާކުރާނެކަން ނުވަތަ ނޫންކަން އެންމެ ގިނަވެގެން ފަސް ދުވަހުގެތެރޭގައި ހައްޔަރުވެފައި ހުންނަ މީހަކަށް އެގޭނެކަމަށެވެ. އެކަން އެންގުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފޮނުވާ އެސްއެމްއެސްއެއް ނުވަތަ ލިއުމެއް އެމީހަކަށް ލިބިގެންދާނެކަމަށެވެ.މިހާރު ހަމަޖެހިފައި އޮންނަގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިއުމަށްފަހު ތަހްގީގުފަށާތާ ތިން ދުވަހުގެތެރޭގައި ތަހްގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހަށް އެމީހެއް ގެ މައްސަލަ ހުށަހަޅަންޖެހެއެވެ. އަދި ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހުން އެމައްސަލައެއް ލިބޭތާ ދެ ދުވަހުގެތެރޭގައި ޝަރީއަތަށް ފޮނުވަންޖެހެއެވެ.ޕީޖީ މުހްތާޒް މުހްސިން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ބެހެއްޓުމަށް ކޯޓުން ފަސް ދުވަސް ނުވަތަ ދިހަ ދުވަހުގެ މުއްދަތެއް ޖަހާފައި ހުންނައިރު ޝަރީއަތަށް ފޮނުވާކަން ނުވަތަ ނޫންކަން އެމީހަކަށް ނޭގި ހުންނަންޖެހޭގޮތް ދިމާވާކަމަށާއި އެހެންނަމަވެސް އެސްއެމްއެސްއަކުން ނުވަތަ ލިޔުމަކުން ފަސްދުވަހުގެތެރޭގައި ސީދާ އެމީހަކަށް އެގޭގޮތް ވުމުން އެމީހެއްގެ ހައްގުތައް އެކްސަސައިޒްކުރަން ފަސޭހަ އިންތިޒާމަކަށް މިކަންވެގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.