ޚަބަރު

އިންޓަރކޮންޓިނެންޓަލް ކަޕް ރާއްޖޭގައި ބޭއްވާނެ ދަނޑެއް ކަނޑައެޅުމުގެ މަސައްކަތް ފަށައިފި



ދުނިޔޭގެ ނަން މަޝްހޫރު ކްލަބްތަކުގެ އެކަޑަމީތަކުން ބައިވެރިވާ އިންޓަރކޮންޓިނެންޓަލް ކަޕް ރާއްޖޭގައި ބޭއްވާނެ ދަނޑެއް ކަނޑައެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރުމަށް ދަނޑުތައް ބަލައި ދިރާސާކުރުމަށް ރާއްޖެއައިސްފައިވަނީ ސްޕެއިންގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޕަބްލޯ ކޮއިރާ އަދި ޕޯޗުގަލްގެ ކުރީގެ ފުޓްބޯޅަ ތަރި ވިކްޓަރ ކުއަޑްރޯސްއެވެ. ކޮއިރާ އަދި ކުއަޑްރޯސްވަނީ ހުޅުމާލޭގެ ސްޕޯޓްސް ކޮމްޕެލްކްސްއާއި މާލޭގެ ގަލޮޅު ރަސްމީ ދަނޑު އިންޓަރކޮންޓިނެންޓަލް ކަޕް ބޭއްވުމަށް ބަލާފައެވެ. އަދި މިއަދު ބ އަތޮޅާއި ޅ.އަތޮޅުގެ ރަށްރަށުގައި ހުރި ޓާރފް ދަނޑުތައްވެސްވަނީ ބަލާފައެވެ. މިގޮތުން ޅ.ނައިފަރު، ކުރެއްދޫ އަދި ކުރެންދޫގެ ޓާރފް ދަނޑުތައްވެސްވަނީ ބަލާފައެވެ.

ތިން ޓާރފް ދަނޑުގެވެސް މައިގަނޑު މައްސަލައެއް ގޮތުގައި ފާހަގަކޮށްފައިވަނީ ދަނޑުތަކުގައި އަޅާފައިހުރި ރަބަރުތަކެވެ. ކޮއިރާ އަދި ކުއަޑްރޯސްބުނީ ޓަރފް ދަނޑުތަކުގައި އަޅާފައި ހުންނަ ރަބަރުތައް އެންމެ އެކަށީގެން ނުވާނަމަ، އިންޓަރނޭޝަނަލް މުބާރާތްތައް ކުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އިންޓަކޮންޓިނެންޓަލް ކަޕަކީ ތޭރަ އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

އެންމެ ފަހުން އިންޓަކޮންޓިނެންޓަލް ކަޕް ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީމަހު ދުބާއީގައެވެ. އެ މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކަށް ރާއްޖެވިއިރު، ކުރިއަށް އޮތް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވެސް ރާއްޖެއަށްވަނީ ލިބިފައެވެ.