ޚަބަރު

ކާޑިފް ސިޓީ ބަލިކޮށް ލީގު ތާވާލުގެ އެއްވަނައަށް މެންޗެސްޓާ ސިޓީ ޖެހިލައިފި


ކާޑިފް ސިޓީ ބަލިކޮށް އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައަށް މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ.

ޕްރިމިއަރ ލީގުގެ އެއްވަނައަށް ސިޓީ ޖެހިލީ ކާޑިފް ސިޓީ ދޭއް ސުމަކުން ބަލިކޮށް ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ރޭގެ މެޗުގައި ސިޓީގެ ފުރަތަމަ އެގާރައަށް ކޯޗު ގާޑިއޯލާވަނީ ފަސް ބަދަލެއް ގެނެސްފައެވެ. މުހިންމު ކުޅުންތެރިންނަށް ކޯޗު ރެސްޓް ދީފައިވާއިރު، ބެންޗުން އެރުވި ކުޅުންތެރިން ދެއްކި ކުޅުމަށްވެސް ގާޑިއޯލާވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ރޭ ޕްރިމިއަރ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޗެލްސީންވަނީ ތިނެއް ސުމަކުން ބްރައިޓަން ބަލިކޮށް ގަދަ ހަތަރެއްގެ އުއްމީދު ދަމަހައްޓާފައެވެ. އެޓީމް މި މޮޅާއިއެކު ފަސްވަނައަށް ޖެހިލިއިރު، ޔުނައިޓެޑްވަނީ ތާވަލްގެ ހަވަނައަށް ވެއްޓިފައެވެ.

ރޭ ޓޮޓްނަމްވެސްވަނީ ކްރިސްޓަލް ޕެލަސް ބަލިކޮށް ތާވަލްގެ ތިންވަނައަށް ޖެހިލާފައެވެ. އެޓީމްގެ އާ ސްޓޭޑިއަމްގައި ކުޅުނު ރަސްމީ ފުރަތަމަ މެޗުން އެޓީމް މޮޅުވީ ދޭއް ސުމަކުންނެވެ. މެޗުގައި ޓޮޓްނަމްގެ ލަނޑުތައް ޖަހައިދިނީ ސަން ހުއެން މިން އަދި ކްރިސްޓިއަން އެރިކްސަންއެވެ.