ޚަބަރު

އިކާޑީ އެނބުރި އައިސް އިންޓަމިލާން މޮޅުކޮށްދީފި


ކޯޗާއި މައްސަލަޖެހި ދެމަސްދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރިއައިސް އިކާޑީ ގޯލް ޖެހި މެޗުން އިންޓަރ މިލާން މޮޅުވެއްޖެއެވެ.

އިޓަލިއަން ސެރީއާގައި އިންޓަރ މިލާނާއި ޖެނޯއާ ވާދަކުރި މެޗުން އިންޓަރ މޮޅުވީ ހަތަރެއް ސުމަކުންނެވެ. އިންޓަރ މިލާންގެ ފޯވާޑް މައުރޯ އިކާޑީވަނީ ދެ މަސްދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ރޭ ފުރަތަމަ އެގާރާގައި ކުޅެން ނިކުމެފައެވެ. ކޯޗާއި ޖެހުނު މައްސަލައެއްގައި އިކާޑީ އަތުން ކެޕްޓަން ބޭންޑް ނެގުމުން އޭނާ އިންޓަރ މިލާންގެ ފަރިތަކުރުންތަކަށްވެސް ނިކުތީ މީގެ އެއް ހަފްތާ ކުރިންނެވެ.

ރޭގެ މެޗުގައި އިންޓަރ މިލާންގެ ލަނޑުތައް ޖަހައިދިނީ އިކާޑީގެ އިތުރުން އިވާން ޕެރިސިޗް އަދި ރޮބާޓޯ ގަގްލިއަޑީނީއެވެ. ގަގްލިއަޑީނީ މެޗުގައި ދެ ލަނޑު ޖެހިއެވެ. ރޭގެ މެޗަށްފަހު އިންޓަރ މިލާންގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނީ އިކާޑިއަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަމަށާއި، އޭނާގެ ޓީމަށް މުހިންމު މިންވަރު ރޭގެ މެޗުން އެކަނިވެސް ފެނިއްޖެކަމަށެވެ.

އިޓަލިއަން ސެރީއާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ނަޕޯލީވަނީ ރެލިގޭޝަން ޒޯނުގައި އޮތް އެމްޕޯލީ އަތުން ބަލިވެފައެވެ. ރޯމާއާއި ފިއޮރެންޓީނާ ވާދަކުރި މެޗު ނިމުނީ ދޭއް ދޭކުން ދެ ޓީމް އެއްވަރުވެގެންނެވެ.