ސިޔާސީ

ދިއްގަރުދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓަކު ނެރޭކަށް ލާހިކައެއްނު


ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ
ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓަކު ނެރުމަކީ ދެން ލާހިކަ ކަމަކަށްނުވާނެކަމަށް
ވިދާޅުވެ ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު އަދީބް ޗެލެންޖްކުރައްވައިފިއެވެ.



ޕީޕީއެމުން މިރޭ ބޭއްވި އެއްވުމެއްގައި އަދީބް ވިދާޅުވީ ރައީސް
ނަޝީދު ޖަލަށް ވަޑައިގަންނަވަންޖެހުމާއެކު ކުރިން ނަޝީދަށް ހުތުރުއެއްޗެހި
ގޮވަމުންދިޔަ ފަރާތްތަކުން އައިސް އެމްޑީޕީގެތެރެއަށް ވަދެ އެޕާޓީގެ ކެންޑިޑޭޓަކު
ނެރޭވަރަށްވުރެ މާބޮޑަށް އެތެރޭގައި މިހާރު ފަނިފަކުސަ އަޅާފައިވާކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓަކު ފިޔަވައި އެހެންފަރާތަކަށް ޓިކެޓްދޭން
ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.



އިދިކޮޅު ޕާޓީތައް އަދީބް ސިފަކުރެއްވީ ސިޔާސީ އެއްވެސް
ބުރަދަނެއް ނެތްބައެއްގެގޮތުގައެވެ. އެކަން އިންތިޚާބުތަކުން ފެންނަމުންދާކަމަށާއި
ޕީޕީއެމްދާނީ ކުރިއަށްކަމަށް ވިދާޅުވިއެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ސަތޭކަ
ޕަސެންޓް ފުރިހަމަ ނަތީޖާއަކުން ޕީޕީއެމް ކާމިޔާބުކުރާނެކަމަށްވެސް ވިދާޅުވިއެވެ.



އަދާލަތާއި ޖޭޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަދީބް
ވިދާޅުވީ ދިވެހި ދައުލަތުން 127 މިލިޔަން ޑޮލަރު ހޯދުމަށް ވިލާއިން
މަސައްކަތްކުރިއަސް އެކަން ނުވާނެކަމަށެވެ.



އަރޓިފިޝަލް ބީޗްގައި މިރޭ ބޭއްވި އެއްވުމުގައި ޕީޕީއެމްގެ
ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ދިއްގަރު ދާއިރާގެ
ބައި އިލެކްޝަނަށް ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ވަރަށް އަވަހަށް
އެޕާޓީން ހުޅުވާލާނެކަމަށެވެ. އެއްފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ
ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީއަކަށް ގޮސްގެންކަމަށް ވިދާޅުވިއެވެ.



މިޖަލްސާގައި ވާހަކަފުޅު ދެއްކެވި އެމްޑީއޭގެ ލީޑަރ އަހުމަދު
ސިޔާމް އެމްޑީޕީ ސިފަކުރެއްވީ ޓެރަރިސްޓް ޖަމާއަތެއްގެގޮތުގައެވެ. ރާއްޖެއަކީ
ޓެރަރިސްޓް ގައުމެއްކަމަށް ސިފަކޮށް އެމްޑީޕީއަށް ނިސްބަތްވާފަރާތްތަކުން
ރާއްޖެއިން ބޭރުގައި ރާއްޖެއަށް ދަތިކުރުމަށާއި، ފަތުރުވެރިން އަޔަ ނުދިނުމަށް ރާއްޖެއާއިދެކޮޅަށް
ތަފާތު ހަރަކާތްތައް ހިންގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އަމިއްލަ ގައުމުދެކެ
ލޯބިވާނެ ބަޔަކު ކުރާޒާތުގެ ކަމެއްނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ޖޭޕީގެ ވަރަށް ގިނަ ކައުންސިލްމެމްބަރުންނާއި އާއްމު މެމްބަރުންތަކެއް އަދި އެމްޑީޕީގެ ކައުންސިލް މެމްބަރެއް ޕީޕީއެމާއި ގުޅިފައިވެއެވެ.