ސިޔާސީ

ރައީސާއި ބައްދަލުކޮށްގެން މައްސަލަ ހައްލުކުރަން ބޭނުން- ގާސިމް


ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެމްޑީޕީއާއި އަދާލަތު ޕާޓީން
މިހާރު ހިންގަމުންގެންދާ ސިޔާސީ ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް ރޯލެއް
ނޯންނާނެކަމަށާއި އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައިގެން
ވިލާކުންފުންޏަށް ދިމާވެގެން އުޅޭ މައްސަލައާއި އަދި އެހެނިހެން
މައްސަލަތަކުގައިވެސް ވާހަކަދައްކައިގެން ހައްލެއް ހޯއްދަވަން ތައްޔާރަށް ކަމަށް
ވިލާކުންފުނީގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ވިދާޅުވެއްޖެއެވެ.



މިއަދު މެންދުރުފަހު ވިލާޓީވީގައި ވާހަކަފުޅު ދައްކަވަމުން
ގާސިމް ވިދާޅުވީ އޭނާ ހުންނެވީ ވެރިކަން ހޯއްދަވަން އެމްޑީޕީގެ ރައީސް މުހައްމަދު
ނަޝީދަށް ތާއީދުކުރައްވައިގެން ނޫންކަމަށާއި ވެރިކަމަށް ވަޑައިގަންނަވަން
މަސައްކަތް ނުކުރައްވާކަމަށެވެ.



ގާސިމް މިހާރު ފިލާވަޑައިގެންނެވީކަމަށް ޕީޕީއެމްގެ ޖަލްސާގައި
ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު އަދީބް ދެއްކެވި ވާހަކަފުޅާއިގުޅިގެން ގާސިމް
ވިދާޅުވީ " އަދީބަށް ވެދުންސަލާމަށްފަހު ދަންނަވާލަން. ފިލައިގެންނެއްނޫން
އުޅެނީ"



" އަޅުގަޑަކީ ވަކިފަރާތަކާއިޖެހިގަނެގެން ހުރި
މީހެއްނޫން. އަދި ވަކިފަރާތަކަށް ސަޕޯޓްކޮށްގެން އުޅޭ މީހެއްވެސްނޫން."



ގާސިމް ވިދާޅުވީ މުހައްމަދު ނަޝީދުގެ މައްޗަށް ސުޕްރީމް ކޯޓުން
ހުކުމް އިއްވުމުން އެހިސާބުން އޭނާ އެކަމާއިމެދު އެއްޗެކޭ
ވިދާޅުވެފައިނުވާނެކަމަށާއި އެމައްސަލާގައި ހިތަހަމަނުޖެހޭ ފަރާތަކުން އިސްތިއުނާފް
ކުރަން ބޭނުންވާނަމަ އެކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮންނާނެކަމަށެވެ.



" ކުރީގަ އަޅުގަނޑުދެއްކި ވާހަކައެއްދެއްކީ. ( ހުކުމަށްފަހު
) އޭގެފަހުން އަޅުގަނޑު އޭގެ ވާހަކައެއްނުދައްކަން"



ގާސިމް ވިދާޅުވީ މީރާއިން ވިލާކުންފުންޏަށް ދީފައިވާ ނޯޓިސްގެ
މުއްދަތު މިމަހުގެ 17 ނޫނީ 18 ވަނަ ދުވަހު ހަމަވާނެކަމަށާއި އެއަށްފަހު
ވިލާކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފިނަމަ ވަރަށް ގިނަ އާއިލާތަކަކަށް
އެކަމުގެ ދަތިތަކާއި ކުރިމަތިވާނެކަމަށެވެ.



ސަރުކާރާއެކު ވިލާކުންފުނިންވެފައިވާ އެއްބަސްވުމުންތަކަށް
ވިލާކުންފުނިން އިހްތިރާމްކުރަމުންދާކަމަށާއި އެހެންކަމުން
"އެއެގްރިމެންޓްތަކަކީ ބާތިލްކުރެވޭނެ އެގްރިމެންޓްތަކެއްނޫން"



" އަޅުގަނޑު ގަސްދެއް ނުކުރަން ގޯހުން ގޯހަށް ދާނެކަމަށް.
އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށްވެސް ދަންނަވާލަން ބޭނުންވަނީ
މަނިކުފާނާއި އެއްމޭޒުދޮށުގައި ވާހަކަދައްކައިގެން މިކަމުގެ ހައްލުހޯދާށޭ
ބޭނުންވަނީ. އަޅުގަނޑުމެން އެކަކު އަނެކަކަށް ރުޅިމޫނު ދައްކާކަށް، އެއްޗެހި
ގޮވުމަކުންނެއް ކަމެއް ރަނގަޅެއްނުކުރެވޭނެ"