އައްޑޫ ސިޓީ ހުޅުމީދޫ އަވަށު އޮފީސްތައް އެރަށުގައި ހުންނަ އެސްޓީއޯ އިމާރާތަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ހުޅުދޫ އަވަށުގެ ކައުސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ ދެ އޮފީސް ބަދަލުކުރަން ނިންމީ މިހާރު ބޭނުންކުރާ އޮފީހުގެ ޖާގަ ކުޑަވެފައި އެއް އިމާރާތަކަށް ބަދަލުކުރުމުން ބައެއް ޚިދުމަތް ދެ އަވަށަށް ދިނުމަށްވެސް ފަސޭހަވެގެންދާނެތީކަމަށެވެ. އަދި އޮފީސް ބަދަލުކުރަން ނިންމި ތަނަކީ ޖާގައިގެގޮތުން ތަނަވަސްވެފައި މަސައްކަތްކުރަން ފަސޭހަވާނެ ތަނެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޝުކުރީ ވިދާޅުވީ އޮފީސް ބަދަލުކުރުމަށްޓަކައި އެސްޓީއޯގެ އިމާރާތުނެ ދެ ފުލޯ މިހާރު ކުއްޔަށް ނަގާފައިވާކަމަށާއި، އޮފީސް ބަދަލުކުރާނީ އެތަނުގެ އެތެރޭގައި ކުރަންޖެހޭ ބައެއްކަންކަން ނިންމުމުން ކަމަށެވެ.
ކައުންސިލުން އަވަށު އޮފީސްތައް އެއް އިމާރާތަކަށް ބަދަލުކުރަން ނިންމާފައިވާއިރު ބައެއް ރައްޔިތުން ވަނީ މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އައްޑު ސިޓީ ހުޅުދޫ އާއި މީދޫ އަވަށު އޮފީސްްތައް ހުންނަނީ ރަށުގެ ދެކޮޅުގައިކަމުން ރަށުގެ މެދަށް ވާގޮތަށް އަވަށުއޮފީސް ބަދަލުވެގެން ދިޔުމަކީ ދެއަވަށުގެ ރައްޔިތުންނަށްވެސް ފަސޭހަކަމަކަށްވެގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ އިތުރުން ހުޅުމީދޫ އަވަށު އޮފީހުން މީރާގެ ހިދްމަތްތަށްވެސް ލިބިގެންދާނޭކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.