ސިޔާސީ

ގާނޫނުލް އުގޫބާތު، ޝަރީއަތުގެ އަސާސްތަކާއި ޚިލާފް - ސަލަފް


ރާއްޖޭގައި އަމަލުކުރަން ތައސްޔާރުވަމުންދާ ގާނޫނުލް
އުގޫބާތަކީ އިސްލާމީ ޝަރީއަތުގެ އސްލުތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި
ޖިނާއީ އަދުލުގެ ވަޟްއީ ނިޒާމުތަކުގެ އުސޫލުތަކަށް ބަރޯސާވެ އެކުލަވާލާފައިވާ
އެއްޗެއްކަމަށްބުނެ ރާއްޖޭގެ ދީނީ އިލްމުވެރިން ގިނަ ޖަމްއިއްޔަތުއް ސަލަފުން
ވަރަށް ވަރުގަދައަށް ދެކޮޅުހަދާކަން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ.



އެމްބީސީއަށް ފޮނުވާފައިވާ ސަލަފުގެ ބަޔާނުގައި ބުނެފައިވަނީ
ގާނޫނުލް އުގޫބާތުގެ އެތައް މިތަނުގައި އިސްލާމީ ޝަރީއަތުގެ ކުލަ ޖައްސައި
ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ރައްޔިތުންނަށް އޮޅުވާލައި، އެޝަރީއަތުގެ
އަސްލު ނަގާލަން މަސައްކަތްކޮށްފައިވާ ގާނޫނެއްކަން އެޖަމްއިއްޔާއަށް ފާހަގަކުރެވޭކަމަށެވެ.



" ހަމައެހެންމެ މިގާނޫނަކީ އިސްލާމީ ޖިނާއީ އަދުލުގެ
ނިޒާމުގައި ހިމެނޭ ހައްދުތަކަށާއި ގިސާސްގެ ހުކުމްތަކަށް އިހްތިރާމްކުރުމެއްނެތި،
ފަރުމާކޮށްފައިވާ އެއްޗެއްގެ އިތުރުން، އިސްލާމީ ޝަރީއަތުގެ އެއް
މަސްދަރުކަމުގައިވާ ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތް
އެކީއެކަށް ދޫކޮށްލައި، ޝަރީއަތުގެ ނަމުގައި ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ"
ޖަމްއިއްޔަތުލް ސަލަފްގެ ބަޔާނުގައި ވެއެވެ.



އަދި ބުނެފައިވަނީ ގާނޫނުލް އުގޫބާތަކީ " ކުށްކުރަމުންދާ
މުޖުރިމުންނަށް ކުށުން ބަރީއަކުރުމަށް ފަސޭހަވާނެހެން ކޯރުކެނޑިފައިވާ ޒުވާނުން
ކުށުގެ ވެށީގައި ބޭތިއްބުމުގެ މައްޗަށް ރަހަކޮށްފައިވާ، ހައްގެއް
ބާތިލެއްނުބަލައި، ވަކާލާތުކުރުމުގައި އާމްދަނީ އިތުރުކުރުމުގެ މައްޗަށް
ބަރޯސާވެފައިތިބޭ ގާނޫނީ ވަކީލުންގެ ފަސާދަތަކަށް ފައްކާކުރެވިފައިވާ
މަރުހަލާތަކަކަށް މަގުފަހިކޮށްފައިވާ ގާނޫނެއް" ކަމަށެވެ.



ޖަމްއިއްޔަތުލް ސަލަފުން މިހާ ހަރުކަށިކޮށް ގާނޫނުލް
އުގޫބާތަށް ފާޑުކިޔައި ބަޔާނެއް ނެރެފައިމިވަނީ އެގާނޫނަށް އަމަލުކުރަން ފަށަން
އެންމެ ދުވަހަކަށް ވެފައިވަނިކޮށެވެ. ރައްޔިތުންގެ މަޖިލިސްގެ ގައުމީ
ސަލާމަތާއިބެހޭ ކޮމެޓީން މިހާރު ލަފާދީފައިވަނީ މިގާނޫނަށް އަމަލުކުރަން ފެށުން ތިން
މަސްދުވަހަށް ފަސްކުރުމަށެވެ. ކޮމެޓީން ނިންމާފައިވާ މިނިންމުމާއިމެދު މިއަދު 1:30
ގައި ރއްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާއިރު މިވޯޓާއި ދެކޮޅު ހެދުމަށް
އެމްޑީޕީންދަނީ އެޕާޓީގެ ސަޕޯޓަރުން މަޖިލިސް ކައިރިއަށް އެއްވުމަށް
ބާރުއަޅަމުންނެވެ. މިއަދުގެ ބަހުސަށްވެސް އެޕާޓީގެ މެމްބަރުން ހުރަސްއަޅުއްވަން
މަސައްކަތްކުރައްވާފައިވެއެވެ.



ޖަމްއިއްޔަތުލް ސަލަފުން ގާނޫނުލް އުގޫބާތުގެ ކޮމެޓީ
މަރުހަލާގައިވެސް ވަރަށް ބޮޑަށް ގާނޫނުލް އުގޫބާތުގައި ހިމެނޭ ބައެއް ބައިތަކަށް
ފާޑުކިޔަމުންގޮސްފައިވެއެވެ. އެހެންނަމަވެސް ކޮމެޓީގައި ހިމެނިވަޑައިގެންނެވި
މެމްބަރަކު ވިދާޅުވީ އޭގައި ދީނާއި ޚިލާފް އެއްވެސް ކަމެއްވާނަމަ އެކަން
ފާހަގަކުރުމަށް އިލްމުވެރިންނަށާއި ދީނީ ޖަމާއަތްތަކަށް ފުރުސަތުދިނުމުން
އެބޭފުޅުންގެ މާކަބޮޑު އެއްބާރުލުމެއް އެމަސައްކަތަށް ލިބިފައެއް ނުވެއެވެ.