ވިޔަފާރި

ހުސްވި އަހަރުގެ ފަހު ކުއާޓަރގައި 269 ފަރާތަކުން ޖީ.އެސް.ޓީ ނުދައްކާ


މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި 269 ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ދައްކާފައި ނުވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

މީރާއަށް ޖީއެސްޓީ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 32 ފަރާތަކާއި، ޢާއްމު ވިޔަފާރި ކުރާ 237 ފަރާތެއް ހިމެނެއެވެ.

މިލިސްޓުގައި ރާއްޖޭގެ ނަން މަޝްހޫރު ބައެއް ވިޔަފާރިތައްވެސް ހިމެނޭއިރު ގިނަ ވިޔަފާރިތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވާ ލިސްޓުގައިވާ ވިޔަފާރިތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަރާތެއްގެ ނަން ލިސްޓުން އުނިކުރައްވާނެކަމަށް މީރާއިން ވިދާޅުވެއެވެ.

މި ވިޔަފާރިތަކުގެ ނަން ޢާއްމުކޮށްފައިމިވަނީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގައި މީރާއިން ޢަމަލުކުރައްވަމުން ގެންދަވާ އުޞޫލުގެ ދަށުންނެވެ.