ފުވައްމުލަކު ކްރިކެޓް އެކަޑަމީއިން ފުވައްމުލައް މާހެފުން ކްރިކްޓް ސިކްސެސް ނަމުގާ މުބާރާތެއް ނިމްމާލާފި.
ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ފައުންޑިންގް މެންބަރ އަސްލަމް ރަޝީދު ޕީއެސް އެމް އަށް މައުލޫމާތު ދެމުން ބުނެފާވަނީ މި މުބާރާތަކީ ފުވައްމުލަކު ކްރިކެޓް އެކަޑަމީގައި މިހާރު ކުޅެމުންދާ ހުރިހާ ކުޅުންތެރިންނަށް ހުޅުވާލާގެން، ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މާހެފުން ކްރިކްޓް ސިކްސެސް ނަމުގާ ކުރިޔަށް ގެންދިޔަ އެއް ދުވަހުގެ މުބާރާތެއް ކަމަށެވެ. ފަސް އޯވަރަށް ކުޅުނު މި މުބާރާތުގައި ހަތަރު ޓީމުން 6 މެޗް މިއަދު ވަނީ ކުޅެފައެވެ.
މިިއަދުގެ ފައިނަލް މެޗުގާ ބައްދަލް ކޮއްފާވަނީ ރަސްރަނިންނާއި އެލްއެފް ޓީމުންނެވެ. މެޗުގާ ޓޮސް ރަސްރަނިންގެ ޓީމަށް ދިމާވުމުން ފިލްޑް ކުރަން ނިންމުމުން ކުޅުނީ އެލްއެފް ޓީމުންނެވެ. އެލްއެފް ޓީމުން ކުޅެން އަރާ 5 އޯވަރުގާ 60 ރަންސް ހަދާފައެވެ. ފަހަތުން އަރާ ރަސްރަނިން ޓީމުން 61 ރަންސް އާއެކު މުބާރާތް ވަނީ ކާމިޔާބު ކޮއްފައެވެ.
21 އަހަރުން ދަށުގެ އުމުރު ފުރާ ހިމަނާގެން ކުރިޔަށް ދިޔަ މި މުބާރާތުގާ ވަނަތަކާއި އިނާމްތައްވެސް ވަނީ ދީފައެވެ. މުބާރާތުގެ އެންމެ މޮޅު ބެޓްސް މެން އަކަށް ހޮވިފާވަނީ މުހައްމަދު މާން އަދި މުހައްމަދު ހައިކަލްއެވެ. ބެސްޓް ބޯލާ ލިބިފާވަނީ މުހައްމަދު ހައިޝަމް އަށެވެ. ބެސްޓް ފިލްޑާގެ އިނާމް ލިބިފާވަނީ މުހައްމަދު ޔަނީއުއަށެވެ. މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފާވަނީ މުހައްމަދު މާން އެވެ.
މުބާރާތް ނިންމާލުމަށް ފަހު ހުރިހާ ކުޅުންތެރިންނާއި ކޯޗުން ވަނީ މާހެފުން ހަފާފައެވެ. ފުވައްމުލަކުގާ ރޯދަމަހަށް ތައްޔާރުވުމަށް ކާބޯތަކެއްޗާއެކު އެއްވެލާ އެކުވެރި މަޖާ މާހައުލެއް ހޭދަކޮއްލުމަކީ ޒަމާނުއްސުރެ އެރަށުގާ އޮންނަ އާދައެކެވެ.
އަސްލަމް ބުނީ ފުވައްމުލަކު ކްރިކެޓް މިހާރު ފައްކާވަމުންދާކަމަށާއި އެގޮތުން މިހާރު ފުވައްމުލަކު ތަމްސީލް ކުރާ ކުޅުންތެރިން ގިނަވަމުންދާކަމަށެވެ. އެގޮތުން އަންޑާ ނައިންޓީން ނޭޝެނަލް މުބާރާތުގާ ފުވައްމުލަކުގެ 4 ކުޅުންތެރިންގެ އިތުރުން ފުވައްމުލަކުން ތަމްރީނު ހޯދާފާވާ ކުޅުންތެރިން ފަރިތަކުރަމުންދާ ކަމަށް އަސްލަމް ވަނީ ބުނެފައެވެ.