ކުޅިވަރު

16 އަހަރުން ދަށުގެ ޗެމްޕިއަންކަން އިރުޝާދިއްޔާ ސްކޫލް ހޯދައިފި


މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން އިރުޝާދިއްޔާ ސްކޫލު ހޯދައިފިއެވެ. އިރުޝާދިއްޔާ ސްކޫލު ޗެމްޕިއަންކަން ހޯދާފައި މިވަނީ ޝަރަފުއްދީން ސްކޫލާއި ވާދަކޮށެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ތެރެއިން ފެނުނު ދެ ލަނޑުވެސް ދެ ޓީމުންވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ވެސް އިރުޝާދިއްޔާ ސްކޫލުންނެވެ. މެޗުގެ ސާޅީސްހަތް ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިރުޝާދިއްޔާ ސްކޫލުގެ މުޙައްމަދު ތައްމާން ޝާހިދެވެ. އޭގެ ކުޑަ ވަގުތު ކޮޅެއްފަހުން މެޗުގެ ފަސްދޮޅަސް ވަނަ މިނެޓުގައި ޝަރަފުއްދީނު ސްކޫލުން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ އިބްރާޙީމް އާލަމެވެ.

މި މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ގޯލެއް މެޗުގެ 90 މިނެޓު ހަމަވިއިރުވެސް ކާމިޔާބު ކުރެވިފައެއްނުވެއެވެ. އަދި އިތުރު ވަގުތުގައިވެސް މެޗުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނައުމުން ޕެނަލްޓީއާ ހަމައަށްދިޔައެވެ. ޕެނަލްޓީގައި އިރުޝާދިއްޔާ ސްކޫލުން ވަނީ ފަސް ޕެނަލްޓީވެސް ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ޝަރަފުއްދީން ސްކޫލުގެ ހަތަރުވަނަ ޕެނަލްޓީ ގޯލަށް ވެއްދިއިރު އެޓީމުގެ މައިސަން ޝާނީޒްގެ ޕެނަލްޓީ ޖެހީ ބޭރަށެވެ. އިރުޝާދިއްޔާ ސްކޫލު މޮޅުވީ ހައެއް ހަތަރެއްގެ ނަތީޖާއިންނެވެ.

މި މުބާރާތުގެ 16 އަހަރުން ދަށުގެ ޓޮޕް ސްކޮއަރާއަކަށް ހޮވިފައިވަނީ ފޭދޫ ސްކޫލުގެ އަހްމަދް ޒައުލް ނާޒިމެވެ. މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވިފައިވަނީ ސ. އަތޮޅު މަދުރަސާގެ އަބްދުﷲ ލިވާޒް ނޫމަން އެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ސ. އަތޮޅު މަދަރުސާއެވެ. މީގެ އިތުރަށް 16 އަހަރުން ދަށުގެ އުުމުރު ފުރައިގެ އެންމެ މޮޅު 10 ކުޅުންތެރިންވެސްވަނީ ހޮވާފައެވެ.

މެޗަށްފަހު ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަމުން ޝަރަފުއްދީން ސްކޫލްގެ ކޯޗް އަހްމަދް ހަބީބް ވިދާޅުވީ މެޗް ކުރިއަށްދިޔަގޮތް ރަނގަޅުކަމަށާއި، ލިބުނު ނާކާމިޔާބީއަށް ހިތްވަރުކޮށް ކުރިއަށްއޮތްތާވެސް ރަގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ.

" މެޗް ކުރިއަށްދިޔަގޮތް ރަނގަޅު ދެން މުޅިން ހިތްހަމަނުޖެހޭ އިިދިކޮޅު ޓީމް ތަށި ގެންދިޔައިމަ. ތަންކޮޅެއް ފިޓްނަސް ދަށީ ކުދިންގެ. ދެން އެބައި ރަގަޅުކޮށްލީމަ ކުރިއަށްއޮތްތާ ރަގަޅުވާނެކަމަށް މިބަލަނީ. ޝަރަފުއްދީން ސްކޫލް ކުދިންނަށް އޮންނާނީހަމަ ނާކާމިޔާބީގައި ހިތްވަރުކުރުން. އަދި މި މެޗް ކާމިޔާބްކުރި އިރުޝާދިއްޔާ ސްކޫލްގެ ޓީމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން." ޝަރަފުއްދީން ސްކޫލްގެ ކޯޗް އަހްމަދް ހަބީބް ވިދާޅުވިއެވެ.

އިރުޝާދިއްޔާ ސްކޫލްގެ ކޯޗް އަހްމަދް ނާދިރް ވިދާޅުވީ އިރުޝާދިއްޔާ ސްކޫލް ޖެހިޖެހިގެން ހަތަރު އަހަރު ބަލިވެ، މިއަހަރު ޗެމްޕިއަންކަން ލިބުނީ އެ ސްކޫލުގެ މިންނެތް މަސައްކަތުގެ ސަބަބުންކަމަށާއި، މިއަށްވުރެން ރަގަޅަށް ކުދިންނަށް ޕްރެކްޓިސް ކުރުމަށް ފުރުސަތް ލިބޭނަމަ ކުދިންގެ ކުޅުންވެސް މިއަށްވުރެން އިތުރަށް ރަގަޅުވާނެ ކަމަށެވެ.

"އިރުޝާދިއްޔާ ސްކޫލް ޖެހިޖެހިގެން ހަތަރު އަހަރު ބަލިވެފަ މިއަހަރު ޗެމްޕިއަންކަން މިލިބުނީ. މިއީ ހަމަ މެދުކެނޑުމެއްނެތި އިރުޝާދިއްޔާ ސްކޫލުންކުރި މަސައްކަތުގެ ފޮނި ނަތީޒާ. ޝަރަފުއްދީން ސްކޫލްގެ ޓީމުންވެސްކުރި ހިތްވަރަށް ސާބަސްދެން. ކުދިން ޕްރެކްޓިސްތަކަށް ފަރުވާތެރިވުން މުހިންމު. ކުރީގަވާ ގޮތަކަށްނޫން މިހާރު ސްކޫލްތަކުގެ ޝެޑިއުލްތައް ހުންނަނީ. އޭގެ ސަބަބުން ކުދިންނަށް އަސްލު ބޭނުންވާ ވަރަކަށް ޕްރެކްޓިސް ކުރުމުގެ ފުރުސަތު ނުލިބޭ. ހިތަދޫ ސްކޫލަށް އެބަލިބޭ ޓާފް ދަނޑާ ސްޓޭޑިއަމްއާއި ޕްރެކްޓިސް ކުރަން. ނަމަވެސް އިރުޝާދިއްޔާ ސްކޫލުން ޕްރެކްޓިސް ކުރަން މިޖެހެނީ ވެލިގަނޑުގަ. އޭގެ ތަފާތު ފެނޭ މެޗްތަކުގަ" އިރުޝާދިއްޔާ ސްކޫލްގެ ކޯޗް އަހްމަދް ނާދިރް ވިދާޅުއެވެ.

މި މުބާރާތުގައި މާދަމާވެސް 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ މެޗްތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. 12 އަހަރުން ދަށުގެ ފައިނަލް މެޗް ކުޅޭނީ ހިތަދޫ ސްކޫލާއި ހުޅޫދޫ ސްކޫލެވެ. އަދި 14 އަހަރުން ދަށުގެ ފައިނަލް މެޗް ކުޅެނީ ޝަރަފުއްދީން ސްކޫލާއި ސ.އަތޮޅު މަދުރަސާއެވެ.