ޚަބަރު

ހައްޖަށް މީޙުން ގެންދަން 18 ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހަޅައިފި


މި އަހަރު ރާއްޖެއިން ޙައްޖަށް މީޙުން ގެންދަން 18 ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެ ކުންފުނިތަކުގެ ތެރެއިން މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަދިނުމަށް ހަމަޖެހިފައިވާ ކުންފުނިތަކުގެ އަދަދު އަދި ކަނޑަނާލާކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޙައްޖަށް މީހުން ގެންދިޔުމަށް ހުށަހަޅާފައިވާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ހުއްދަދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމަށްފަހު ހުއްދަ ލިބުނު ކުންފުނިތައް އިޢުލާންކުރާނެ ކަމަށެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

މިއަހަރު ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގައިވާ ގޮތުން ރާއްޖެއިން މީހުން ޙައްޖަށް ގެންދެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ދިވެހި ކުންފުނިތަކަށެވެ. އަދި ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އޮތް ކުންފުންޏަކަށްވެސް ވާންޖެހެއެވެ.

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ކޮންމެ ކުންފުންޏަކަށްވެސް ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ކޮންމެ ކުންފުންޏަކަށްވެސް ހުށަހެޅޭނީ ގިނަވެގެން އެއް ޕްރޮޕޯޒަލެވެ. އެއް ކުންފުންޏަކުން އެއް ޕްރޮޕޯޒަލަށްވުރެ ގިނަ ޕްރޮޕޯޒަލް ހުށަހަޅައިފިނަމަ، އެ ކުންފުންޏެއްގެ ހުރިހާ ޕްރޮޕޯޒަލެއް ބާޠިލްވާނެކަމަށް މިނިސްޓްރީން މިއަހަރު ޙައްޖަށް މީހުން ގެންދިއުމާއި ބެހޭ އުޞޫލުގައި ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ކުންފުނިތަކުން ރަޖިސްޓްރޭޝަން ފީ ދެއްކުމުން، މިނިސްޓްރީން އެކުލަވާލާ "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފުތަރު"ގައި ރަޖިސްޓަރ ކުރަން ޖެހެއެވެ. އަދި ރަޖިސްޓްރީ ފީގެ ގޮތުގައި ވިހި ހާސް ރުފިޔާ ދައްކަން ޖެހެއެވެ.

ހައްޖަށް މީހުން ގެންދިޔުމަށް ޙުއްދަ ލިބޭ ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން 10 ދުވަހުގެ ތެރޭގައި ޙައްޖަށް މީހުން ގެންދަން ކޯޓާ ލިބޭ އަދަދުގެ ނިސްބަތުން ބޮލަކަށް ނަގަން އެ ކުންފުންޏަކުން ހުށަހަޅާ އަގުގެ %25އަށްވާ ޢަދަދުގެ ޕަރފޯމަންސް ގެރެންޓީއެއް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއިން މީޙުން ހައްޖަށް ގެންދިޔުމަށްޓަކައި 1000 ކޯޓާ ލިބެއެވެ. އަދި ބައެއް އަހަރުތަކުގައި އިތުރަށްވެސް ކޯޓާ ލިބެމުންދެއެވެ. މިއަހަރުވެސް ރާއްޖެއަށް އިތުރު ކޯޓާ ލިބުމުގެ ފުރުޞަތު އޮތްކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ރާއްޖެއިން ހައްޖަށްމީހުން ގެންދިޔުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖު ކޯޕަރޭޝަނާއެކު ފަސް ކުންފުންޏަކަށް ހުއްދަދީފައެވެ.