ވިޔަފާރި

މިދިޔަ އަހަރު 5.64 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވާފައިވޭ- އެމް.އެމް.އޭ


ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 5.64 މިލިއަން ޔޫއެސް ޑޮލަރު ފޮނުވާފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ. މި އަދަދަކީ 2017 ވަނަ އަހަރާ އަޅާބަލާއިރު %3 ދަށް އަދަދެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ ދެހާސް އަށާރަވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ 2017 ވަނަ އަހަރު ރެމިޓަންސް ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ %71 ބިދޭސީން ފޮނުވާފައިވާއިރު، 2018 ވަނަ އަހަރު ބިދޭސީން ފޮނުވާފައި ވަނީ %52 އެވެ.

މިއީ ކުރީ އަހަރާ އަޅާބަލާއިރު، ފާހަގަ ކުރެވޭ ވަރުގެ ދަށް އަދަދެކެވެ. 2018 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ ކޮންމެ މަހެއްގެ ޖުމުލައަށް ބަލާއިރު، ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވި ފައިސާ އަހަރުގެތެރޭ ވަނީ ދަށްވަމުން ގޮސްފައެވެ.

ނަމަވެސް، 2018 ގައި ބޭރަށް ފޮނުވި ފައިސާ ދަށްވަމުން ދިޔަ މިންވަރު ކުޑަވެފައިވާކަންވެސް ފާހަގަ ކުރެވެއެވެ. ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ އަދަދު ދަށްވަމުން އަންނަކަމަށް ފާހަގަ ކުރެވިފައި ވަނީ 1 އޮކްޓޫބަރު 2016 ގައި ބިދޭސީންގެ މުސާރަ އާއި އިނާޔަތްތަކުން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނެގޭ ޓެކްސް ތައާރަފް ކުރުމަށްފަހުގައެވެ.

ފާއިތުވެދިޔަ އަހަރުތަކެކޭ ވެސް އެއްފަދައިން، ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް އެންމެ ގިނަ އަދަދެއްގެ ފައިސާ ފޮނުވާފައި ވަނީ ބަންގްލަދޭޝްއަށެވެ. މިގޮތުން، މި ފައިސާގެ %39 ބަންގްލަދޭޝްއަށް ފޮނުވާފައިވީ ނަމަވެސް، ފާއިތުވި އަހަރާއި އަޅާބަލާއިރު މިއީ %19 ދަށް އަދަދެކެވެ. އަދި %15 އާއެކު ދެވަނައަށް އެންމެ ގިނަ ފައިސާ ފޮނުވާފައި ވަނީ އިންޑިއާއަށެވެ. ހަމައެއާއެކު، މި ފައިސާގެ %8 ސްރީ ލަންކާއަށް، %7 ނޭޕާލްއަށް، އަދި %6 އިންޑޮނޭޝިއާއަށާއި ފިލިޕީންސްއަށް ފޮނުވާފައިވެއެވެ. 2017 ވަނަ އަހަރާ އަޅާބަލާއިރު މި ކުންފުނިތައް މެދުވެރިކޮށް 2018 ވަނަ އަހަރު ބޭރު ގައުމުތަކުން ރާއްޖެއަށް ފޮނުވާފައިވާ ފައިސާ ވަނީ %3 އިން އިތުރުވެ، 8.4 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައެވެ.

2018 ވަނަ އަހަރުގެ ތެރޭގައި އިތުރު ކުންފުންޏަކަށް ވެސްޓަން ޔޫނިއަންގެ ވިޔުގަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ދިނުމަށް ވަނީ ލައިސަންސް ދީފައެވެ. އަދި ރެމިޓެންސް ވިޔަފާރިކުރަމުންދިޔަ ކުންފުންޏަކުން އެ ވިޔަފާރި ހުއްޓާލާފައި ވުމާއެކު، އެފަރާތުގެ ލައިސަންސް ވަނީ ބާތިލުކޮށްފައި ކަމަށްވެސް އެމްއެމްއޭއިން ނެރެފައިވާ ދެހާސް އަށާރަވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވެއެވެ.