ސިޔާސީ

ވަކިދުވަހަކަށް ރައީސްގެންދެވޭނެއޭ ބުނުންބަލައެއްނުގަނެވޭނެ-ރައީސް


ގާނޫންގެތެރެއިން ކުރެވޭނެ އޮއްޓަރު ހުރިކަމެއް އޮތިއްޔާ
ރައްޔިތުންނަށް އެކަން ހާމަކުރެއްވުމަށްފަހު އެކަމެއްގެ ހައްލުހޯއްދެވުމަށް
ވާހަކަދައްކަވަން އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވަން ހުންނެވިކަމަށާއި
އެހެންނަމަވެސް ވަކި ދުވަހެއް ކަނޑައަޅާފައި ރައީސް މޭޒުދޮށަށް ގެންދެވޭނެއޭ
ބުނުމަކީ އެހާ ބަލައިގަނެވޭގޮތަކަށް އަންނަ ދައުވަތެއް ނޫންކަމަށް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު އއ ފެރިދޫ ކައުންސިލްގެ މެމްބަރުން ޕީޕީއެމާއި ގުޅުމަށް ބެއްވި
ކުޑަރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ ވާހަކަދައްކަން އިދިކޮޅު
ފަރާތްތަކަށް ކިތަންމެވަރަކަށްވެސް ފުރުސަތު ދެވިއްޖެކަމަށެވެ. މިހާރުވެސް
އެފުރުސަތު އޮތްކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައިމިވަނީ މޭ
އެއްވަނަ ދުވަހު މަޝްވަރާގެ މޭޒުދޮށަށް ރައީސް ޔާމީން އަންނަން މަޖްބޫރުވާނެކަމަށް
ވިދާޅުވެ، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އިންޒާރެއް
ދެއްވާފައިވަނިކޮށެވެ. އަދި އެކަމަށް ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުންދާކަމަށް
ހާމަކޮށްފައިވެއެވެ. ރައީސް ޔާމީން ވިދާޅުވީ އޮއްޓަރުހުރި ކަމެއް އޮތިއްޔާ ކޮންމެހެން
ވަކި ދުވަހަކު އެބޭފުޅުންގެ މޭޒަށް ވާހަކަދައްކަން ގެންދަން ބުނަން
ނުޖެހޭކަމަށެވެ.



" އެބޭފުޅުން ރައީސާއި ބައްދަލުކުރި. އަދި ރައީސް
އައްޔަންކުރި މަންދޫބެއް، ހޯމްމިނިސްޓަރާއިވެސް ދެފަހަރުމަތިން ބައްދަލުކޮށްފި.
އެހެންވީމާ އެބޭފުޅުންގެ ޝަކުވާ ނުވަތަ އެބޭފުޅުންގެ އަޑު މިރައީސަށްވެސް
އިވިއްޖެ"



ރައީސް ވިދާޅުވީ މައްސަލައަކަށްވެގެން އުޅެނީ އެބޭފުޅުން
އެދިވަޑައިގަންނަވާގޮތަށް، އެވިދާޅުވާކަންތައް ކޮށްދެވެންނެތުންކަމަށެވެ.



" އަޅުގަނޑަށް ރައީސް ނަޝީދުގެ ހުކުމް ތަންފީޒުވެގެންދާއިރު
ޝަރުއީ މަރުހަލާގައިހުރި އިސްތިއުނާފްގެ މައްސަލަތައް ނުނިމި، މާދަމާ ރައީސް
ނަޝީދު ވީއްލާށޭ ބުނީމާ މިކަންކުރަން އޮންނަ އުސޫލުގެ ބޭރުން އަޅުގަނޑު އެކަމެއް
ނުކުރާނެ. އެއީ އަޅުގަނޑު ކުރާނެކަމެއްނޫން. ( ކުރީގެ ) ޑިފެންސް މިނިސްޓަރގެ
މައްސަލަ ކޯޓުންބޭރުން ނަގާ، ޕީޖީއަށް އަންގައިގެން އެމައްސަލައަކީ ނުހިގާ
މައްސަލައަކަށްހަދަން، އަޅުގަނޑުގެ ކައިރީ އަދާލަތު ޕާޓީން ވަޑައިގެން، އިމްރާން،
އެދިވަޑައިގެންނެވިޔަސް އަޅުގަނޑު ދަންނަވާނީ ތިކަމެއް ނުކުރާނަމޭ. މިހެންހުންނަ
ގޮވުންތަކެއް ގޮވަން އަޅުގަނޑު ކައިރިއަށް ވަޑައިގަތުމުގެ ބޭނުމެއް ނޯންނާނެ"



ރައީސް ޔާމީން ވިދާޅުވީ ގާނޫނާއި ޚިލާފްކަމެއް ސަރުކާރުން
ކުރަންޏާ އެމައްސަލައެއް އެމަނިކުފާނާއި ހަމައަށް ގެންނަވައިފިނަމަ އެއަށް
ކޮންމެވެސްކަހަލަ ފަރުވާއެއް ދެއްވާނެކަމަށެވެ. އޭގެ ބޭރުން ރައީސް ނަޝީދު
ދޫކޮށްލަން އަދި ކުރީގެ ޑިފެންސްމިނިސްޓަރ ދޫކޮށްލަންގޮވައި އެކަން
ނުކުރެވޭކަމަށްވަންޏާ އެއަނިޔާވެރިވެވެނީކަމަށް ބުންޏަސް އެކަން
ބަލައިނުގަނެވޭނެކަމަށެވެ.



" ކުށަށް އަރައިގަންނަ މީހުންނަށް އަދަބު ލިބުން އެއީ
އަނިޔާވެރިވުންކަމަށްވަންޏާ މިސަރުކާރުން އެކަން އެބަ ތަންފީޒުކުރޭ. އެހެންވީމާ
ހަގީގަތުގައި މިބޭފުޅުން ދައްކަވާ ވާހަކައިން އަނިޔާވެރިވަނީ ކޮންބޭފުޅަކަށްތޯވެސް
މިހާރު އޮޅިއްޖެ"



ރައީސް ނަޝީދަށާއި އެޕާޓީގެ އިސްބޭފުޅުންނަށް އަދި ކުރީގެ
ޑިފެންސް މިނިސްޓަރާއި އޭނާގެ ވަކީލުންނަށް ހިއްވަރުދެއްވަން އަދި
ދަނަވާލަންބޭނުންފުޅުވަނީ އިސްތިއުނާފުގެ މަރުހަލާއިން ކުރިއަށް ވަޑައިގެން އެކަން
ފުރިހަމަކުރެއްވުމަށްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.



ޔާމީން ވިދާޅުވީ އެމަނިކުފާނަށް ގަބޫލުފުޅުކުރެއްވެނީ
ސަރުކާރުން ރާއްޖެ ފަސްދާއިރާއަކަށްބަހައި ރާވާފައިވާ ބޮޑެތި މަޝްރޫއުތައް
ހިގަމުންދާތީ އިދިކޮޅު ފަރާތްތަކަށް އެކަން ގަބޫލުކުރަން ދަތިވެގެން
އުޅެނީކަމަށެވެ.



" ޖޭޕީއާއި ޕީޕީއެމާއި ދޭތެރޭ ހަދާފައި އޮތް ކޯލިޝަން
ރޫޅުނީ ކީއްވެގެންކަން އަމިއްލައަށް އިންސާފުވެރި ސިކުނޑިން ކިރާލައްވާ. އެއީ
އެއްދުވަހަކު ދެދުވަހަކު ހިގާދިޔަކަމަކާއިގުޅިގެންނެއްނޫން. އެތައްފަހަރަކު
އެއްތައްމައްސަލައެއްޖެހި އެމައްސަލައަށް ފަރުވާ ނުހޯދިގެންގޮސް ކޯލިޝަން ރޫޅުނީ.
ޕީޕީއެމުން އިސްވެ އަނިޔާވެރިވަނީއޭ ކޯލިޝަން ރޫޅާލައިގެން. ޕީޕީއެމަކީ ތިހާ
ބޭއިންސާފުން ކަންތައްކުރާ ބައެއް ކަމަށްވަންޏާ އެމްޑީއޭއާއެކީވެސް މިހާރު
ކޯލިޝަނެއް ނޯންނާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.