ޚަބަރު

ޖެނޯއާ އަތުން ރޯމާއަށް މޮޅުނުވެވި ސެރިއާގެ ގަދަ 4ގެ ފޯރިގަދަވެސްޖެ


އިޓަލިއަން ސެރީއާގައި ޖެނޯއާ އަތުން ރޯމާއަށް މޮޅުނުވެވި ސެރިއާގެ ގަދަ ހަތަރެއްގެ ފޯރިގަދަވެސްޖެއެވެ.

ސެރީއާގައި ރޯމާއާއި ޖެނޯއާ ވާދަކުރި މެޗު އެއްވަރުވިއިރު، ގަދަ ހަތަރަކަށް ވާދަކުރާ ދެ ޓީމްކަމަށްވާ އެޓްލާންޓާއާއި ލާޒިއޯ ވާދަކުރި މެޗުން ލާޒިއޯ ބަލިވީ ތިނެއް އެކަކުންނެވެ. ރޯމާއާއި ޖެނޯއާ ވާދަކުރި މެޗުގައި ރޯމާގެ ލަނޑު ޖަހައިދިނީ އެލްޝަރާވީއެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ޖެނޯއާއިން ނަތީޖާ ހަމަހަމަކުރީ ރޮމޭރޯ ޖެހި ގޯލުންނެވެ.

ލާޒިއޯ އަމިއްލަ ދަނޑުގައި އެޓްލާންޓާ އަތުން ބަލިވިއިރު، އެޓްލާންޓާ މެޗު ކާމިޔާބުކުރީ ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. ލީގުގައި ރޭ ނަޕޯލީއާއި ކަގްލިއާރީ ވާދަކުރި މެޗު ނަޕޯލީ ކާމިޔާބުކުރީ ދޭއް އެކަކުންނެވެ. ނަޕޯލީ މެޗުން މޮޅުވީ އިތުރުވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި ލިބުނު ޕެނަލްޓީއަކުން އިންސީނޭ ޖެހި ގޯލުންނެވެ.

މި ނަތީޖާތަކާއިއެކު ލީގުގެ ތިންވަނައިގައި 63 ޕޮއިންޓާއިއެކު އިންޓަރ މިލާން އޮތްއިރު، ހަތަރުވަނައިގައި އެޓްލާންޓާ އޮތީ 62 ޕޮއިންޓާއިއެކުއެވެ. 59 ޕޮއިންޓާއިއެކު ރޯމާ އޮތްއިރު، ދެ ޕޮއިންޓް ފަހަތުން އޮތީ ޓޮރީނޯއެވެ. ޕޮއިންޓެއްގެ ފަރަގަކާއިއެކު ހަވަނަ އަދި ހަތްވަނައިގައި މިލާން އަދި ލާޒިއޯ އޮތްއިރު ދެ ޓީމަށް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އެބައޮތެވެ.