ޚަބަރު

ތިން ދުވަހުގެ ތެރޭގައި 8000 މަސް ދަޅު ކޭސް ވިއްކައިފި


މިފްކޯމަސް ފިހާރައިން ތިން ދުވަހުގެ ތެރޭގައި އަށް ހާހެއްހާ މަސް ދަޅު ކޭސް ވިއްކާފައިވާ ކަމަށް އެކުންފުންނިން ހާމަކޮށްފިއެވެ.

މިފްކޯ ފަސްމީރު ފިހާރައިން މަސްކޭސް ގަތުމަށް ފާއިތުވި ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ފިހާރައިގައި ކިއުހަދާފައެވެ. ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ދިމާކޮށް މިފްކޯ މަސް ފިހާރައަށް އޮންނަ ޑިމާންޑު ބޮޑުވެއެވެ. އެކި ބާވަތްތަކުގެ މަހުގެ އުފެއްދުންތައް ހެޔޮ އަގެއްގައި އެއްތަނަކުން ލިބޭ ތަނަކީ މިފްކޯގެ ފަސްމީރުމަސް ފިހާރައެވެ.
ރޯދަމަހު ހެދިކާ ހެދުމަށް އެންމެ ގިނައިން ބޭނުންކުރާ އެއްޗަކަށް މަސްދަޅުވެފައިވާ އިރު، މިފްކޯއަކީ މާލެއަށް އެންމެ ގިނަ އަދަދަކަށް މަސްދަޅު އެތެރެކުރާ ކުންފުންޏެވެ.


މިފްކޯއިން ވަނީ މިއަހަރުގެ ރޯދަމަހާ ދިމާކޮށް ދުރާލާ ތައްޔާރީތައް ވާން ފަށާފައެވެ. ޑިމާންޑާއި އެއްވަރަށް މަހުގެ އުފެއްދުންތައް މާލެއަށް ސަޕްލައިކޮށް އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށް އެކުންފުނިން ވަނީ އަމާޒް ހިފާފައެވެ.

މިފްކޯގެ މަސްދަޅަށް އޮންނަ ޑިމާންޑާއި ގުޅޭގޮތުން ޕީއެސްއެމްނިއުސް އާއި ވާހަކަދައްކަވަމުން އެކުންފުނީގެ ލޯކަލް ސްލޭސްގެ ހެޑު، އަޙުމަދު ހާޝިމް ވިދާޅުވީ، ފާއިތުވި ތިން ދުވަހުގެ ގިނަ އަދަދެއްގެ ބަޔަކު މަސްކޭސް ގަތުމަށް މިފްކޯ މަސްފިހާރައަށް އައިސްފައިވާ ކަމަށެވެ. އެގޮތުން ތިން ދުވަސްތެރޭ ގާތްގަނޑަކަށް އަށް ހާސް މަސްކޭސް ވިއްކާފައިވާ ކަން ހާޝިމް ފާހަގަކުރެއްވިއެވެ.

"މި ތިންދުވަހު ގާތްގަނޑަކަށް 8000 މަސްކޭސް ވިކިއްޖެ، ދެން އޭގެއިތުރުން އަޅުގަނޑުމެން ވަޅޯމަސްވެސް ހުސްނުވެ ލިބެން ހުންނާނެ، އަޅުގަނޑުމެންގެ އިލްތިމާޒަކީ މަސްކޭސް އަދި އެހެންވެސް ތަކެތި މަސް ފިހާރައިން ގަންނަން އަންނަ ފަރާތްތަކުން ވީހާވެސް ހެނދުނާ އައުން، ހެނދުނު މީހުންވެސް މަދުވާނެ،" ހާޝިމް ވިދާޅުވިއެވެ.

މިފްކޯއިންވަނީ ރޯދައާ ދިމާކޮށް ޙާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އަގުބޮޑު އިނާމްތައް ލިބޭ މި ޕްރޮމޯޝަނަށް އާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށް ހާޝިމް ވިދާޅުވިއެވެ.

"ރޯދަ ޕްރޮމޯޝަންގަ އިންނާނެ ތިން ކެޓަގަރީއެއް، ފުރަތަމަ އިނާމަކަށް މިއިންނަނީ އުމްރާ ދަތުރެއް، ދެން އިންނާނީ ބެންކޮކް ދަތުރެއް، ދެން އިންނާނީ އެއް އަހަރަށްވާވަރަށް ވާވަރަށް އާއިލާއަކަށްވާވަރަށް މަސް ކޭސް ހަދިޔާކުރުން، ޕްރޮމޯޝަން ވަރަށް ކާމިޔާބު، މަސް ކޭހެއް ގަންނަ ކޮންމެ ފަރާތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ،" ހާޝިމް ވިދާޅުވިއެވެ.

މިފްކޯއިން ވަނީ ދާދިފަހުން ފަސްމީރު ބްރޭންޑެއްގެ ގޮތުގައި ތުތި ބޯވަދިލަމަސް ރާއްޖޭގެ ބާޒާރަށް ނެރެ ވިއްކަން ފަށައިފައެވެ. މިފްކޯއިން ތުތި ބޯވަދިލަމަސް ވިއްކަމުންދާނީ ހަތަރު ގޮތަކަށް ބަންދުކޮށްގެންނެވެ. މިތަކެއްޗަށް ރަގަޅު ޑިމާންޑެއް ލިބެމުން އަންނަކަމަށް މިފްކޯއިން ބުނެއެވެ.