ޚަބަރު

ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔަކީ ބެނާޑޯ ސިލްވާ - ގާޑިއޯލާ


މިސީޒަންގައި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެންމެ ބޮޑަށް ހައްގު ކުޅުންތެރިޔަކީ މެންޗެސްޓަރ ސިޓީގެ ބެނާޑޯ ސިލްވާކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޕްރިމިއަރ ލީގުގެ ކުޅުންތެރިންގެ ވޯޓުން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމް ވާޖިލް ވެންޑައިކަށް ލިބުނުއިރު، ލިޔުންތެރިންގެ ވޯޓުން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ރަހީމް ސްޓާރލިންގއަށެވެ.

ގާޑިއޯލާ ބުނީ މި ސީޒަންގައި ސިޓީގައި އެންމެ މޮޅަށް ކުޅުނު ކުޅުންތެރިޔަކީ ސްޓާލިންގ ނޫންކަމަށާއި، އެންމެ މޮޅީ ބެނާޑޯ ސިލްވާކަމަށެވެ.

ދުނިޔޭގެ ކޮންމެ ފެންވަރެއްގެ ކޮންމެ ޓީމެއްގައިވެސް ސިލްވާ މޮޅަށް ކުޅޭނެކަމަށާއި، އޭނާއަކީ މި ސީޒަންގައި ސިޓީގެ ތަރިކަމަށް ކޯޗު ގާޑިއޯލާ ބުންޏެވެ. ބެނާޑޯ ސިލްވާއަށް އެއްވެސް އެވޯޑެއް ނުލިބުން ހައިރާންވާކަމަށާއި، އޭނާގެ ވޯޓުން ހޮވާ މަގާމެއްނަމަ އެ އެވޯޑު ދޭނީ ސިލްވާއަށްކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ޕްރިމިއަރ ލީގުގެ އެންމެ ފަހު މެޗުގައި ބްރައިޓަންއާއި ދެކޮޅަށް ސިޓީ ނިކުންނައިރު މިޑްފިލްޑަރ ކެވިން ޑިބްރައިނާ އެ މެޗުގައި ފެނުމުގެ ފުރުސަތު ބޮޑުކަމަށް ކޯޗު ގާޑިއޯލާ ބުންޏެވެ.

ބްރައިޓަން އަތުން ސިޓީ މޮޅުވެއްޖެނަމަ އެޓީމަށް ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ދިފާއުކުރެވޭނެއެވެ.