މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރެވިފައިވާ ބައެއް ބިންތައް، ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ރަޢީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވައިފިއެވެ.ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމީ އިއްޔެ ބޭއްވި އެމަޖިލީހުގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މަޝްވަރާކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.މިގޮތުން ސަރުކާރަށް އަނބުރާ ނެގުމަށް ނިންމަވާފައިވަނީ މިހާރު މާލެ ސިޓީ ކައުންސިލް ހިންގަމުންގެންދާ ގަލޮޅު ބިއްލޫރިޖެހިގޭގެ އިމާރާތާއި ބިން އަދި ލޯކަލް މާރުކޭޓްގެ 207ވަނަ ކޮއްޓާއި، މަސް މާރުކޭޓު އެޅުމަށްޓަކައި ބޮޑުތަކުރުފާނު މަގު އުތުރުން ހިއްކާފައިވާ ބިމެވެ.ރައީސް އޮފީހުން ވިދާޅުވީ މި ބިންތައް ސަރުކާރަށް ނެންގެވުމަށް ނިންމާފައި ވަނީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ، އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމަށް، ރައްޔިތުންނަށާއި ދައުލަތަށް އެންމެ ފައިދާހުރިގޮތުގައި ބޭނުންކުރެއްވުމަށްޓަކައި ކަމަށެވެ. އެބިންތައް ސަރުކާރަށް ނަންގަވާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމާ ބެހޭ ގަވާއިދު' ގެ 4 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމާގުޅިގެން އެ ބިންތައް ސަރުކާރަށް އަނބުރާ ނެންގެވުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ހައުސިންގ މިނިސްޓްރީއާ ހަވާލުކުރައްވާފައެވެ.