އޭޕްރީލްމަހު ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
އެގޮތުން ފާއިތުވި 13 އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް އެންމެ ބޮޑު ކުރިއެރުން ލިބިފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
ހުސްވި އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާއިރު، މިއަހަރުގެ އޭޕްރިލްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ %36.3 އިތުރުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް އައިސްފައިވާ ކުރިއެރުމުން ދައްކައިދެނީ ރާއްޖޭގެ ފަތުރުވެރިކަން ރަގަޅު މިސްރާބެއްގައި އޮތްކަން ކަމަށެވެ.
" ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ސްޓޭކް ހޯލްޑަލުންނަށް ޝުކުރު އަދާކުރަން، އެންމެ ގުޅިގެން އަޅުގަނޑު ދެކޭ ގޮތުގައި ނޮވެމްބަރު 17 އަށްފަހު ރައީސުލްޖުމްހުރިއްޔާ ރާއްޖެއަށް ގެނެެސްދެއްވި ހަމަޖެހުމުން މިކަން ހާސިލްމިވީ." ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.
މިއަހަރުގެ އޭޕްރިލްމަހު ރާއްޖެއަށް 163،114 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ހުސްވި އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 119،713 ފަތުރުވެރިންނެވެ.
އޭޕްރިލްމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވެސް ވަނީ ބޮޑު ކުރިއެރުމެއް
ލިބިފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަތަރުމަސްދުވަހުގެތެރޭގައި ރާއްޖެއަށް 646،092 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަދަދަކީ ހުސްވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 539،816 ފަތުރުވެރިންނާ އަޅާ ބަލާއިރު، %19.7 އިތުރު އަދަދެކެވެ.
ހުސްވި އޭޕްރިލް މަހުވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އޭޕްރިލްމަހު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ %8.7 އިތުރުވެފައެވެ. ޗައިނާގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރާ ހަތަރު ޤައުމުކަމަށްވާ، އިޓަލީވިލާތް، ޖަރުމަންވިލާތް، އިނގިރޭސިވިލާތް އަދި އިންޑިއާއިންވެސް ހުސްވި އޭޕްރިލްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.