ތަރައްްޤީ

ސިޓީ ސްކެއާ ތަރައްޤީ ކުރުމަށް ނެގި ރުއްތަކުގެ ބަދަލުގައި 52 ރުއް އިންދައިފި


އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީ ކުރަމުން ގެންދާ ސިޓީ ސްކެއާއިން ނެގި 26 ރުކުގެ ބަދަލުގައި 52 ރުއް އައްޑޫ ސިޓީ ކައުންސިލުން އިންދައިފިއެވެ.

މާކިޅި ސަރަޙައްދު ޕާކުގައި މި ރުއްތައް އިންދާ ދީފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި ޑެޕިއުޓީ މޭޔަރ މުޙައްދު ޔަސްރިފްގެ އިތުރުން ކައުންސިލަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް މުވައްޒަފުންވެސް ވަނީ ރުއް އިންދާފައެވެ. އައްޑޫ ސިޓީ ކައުންސިލުން އިންދާފައިވާ ރުއްތަކަކީ ކުދި ރުއްތަކެކެވެ. ކައުންސިލުން ވިދާޅުވީ މާކިޅި ސަރަޙައްދު ޕާކުގައި ރުއް އިންދުމަށްފަހު އަދި އެހެން ސަރަހައްދެއްގައިވެސް ރުއްތައް އިންދާނެ ކަމަށެވެ.

ސަރުކާރުން އައްޑޫ ސިޓީއަށް ގެންނަން ނިންމާފައިވާ ތަރައްޤީގެ މަޝްރޫޢުގެ ތެރެއިން ސިޓީ ސްކެއާ ތަރައްޤީ ކުރުމަކީވެސް އައްޑޫއަށް ސަރުކާރުން ގެންނަން ނިންމާފައިވާ ތަރައްޤީގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. މިކަން ކުރުމަށްޓަކައި އެ ސަރަޙައްދުގައި ހުރި ރުއްތައް ކަނޑާލުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. އެކަމާއި ގުޅިގެން އީޕީއޭއިން ބުނެފައިވަނީ ރުއް ނެގުމުގެ ހުއްދަ ދިނީ އެ ރުއްތައް އަލުން އިންދާނެ ކަމުގެ ޔަގީންކަން ކައުންސިލުން ދިނުމުން ކަމަށެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އައްޑޫސިޓި ކައުންސިލްގެ މޭޔަރ ޢަބްދުﷲ ޞާދިގް ވިދާޅުވީ ސިޓީ ސްކެއާ ތަރައްޤީކުރުމަށް އެ ސަރަހައްދުން 70 ވަރަކަށް ރުއް ނެގުމަށް ހުއްދަ ދީފައިވާކަމަށާައި، އޭގެ ތެރެއިން އެ ސަރަހައްދުން ނަގާފައިވަނީ ހަމައެކަނި ދުވަސްވީ ރުއްތަކެއް ކަމަށެވެ. އަދި ސިޓީ ސްކެއާ ތަރައްގީކުރުމުގެ ތެރެއިން ރުއްތަކާއި ބައެއް ގަސްތައް އިންދުމަށް ޕްލޭންކުރެވިފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ހުއްދަ ދީފައިން 70 ވަރަކަށް ރުއް ނެގުމުގެ. އެހެން ނަމަވެސް އެތަނުން އެއްވެސް ވަރަކަށް ބޭނުންކުރެވޭނެ ރުއްތަކެއް ނުނަގަން. އާދައިގެ ގާތްގަޑަކަށް 10 ފޫޓާއި 20 ފޫޓާއި ދެމެދުގެ ރުއްތައް ނުނަގަން. އެވަރުގެ ރުކެއް ނަގާފަ ހުރިއްޔާ އެ ރުއްތައް އަލުން އިންދާނެ. ހަމައެކަނި ދުވަސްވީ ރުއްތައް ކަނޑާލާފަހުރީ. ސިޓީ ސްކެއާ ތަރައްގީކުރާއިރު އެތާގަ އިންދާނީ ދިވެހި އާދައިގެ ރީތި ރުއްތައް. އަދި އެއާއި އެއްކޮށް ވަކި ޕްލޭނެއްގެ ދަށުން އެ ސަރަހައްދުގައި ގަސް އިންދާނެ" އައްޑޫސިޓި ކައުންސިލްގެ މޭޔަރ ޢަބްދުﷲ ޞާދިގް ވިދާޅުވިއެވެ.

މީގެ އިތުރަށް މޭޔަރ ވިދާޅުވީ ތިމާވެށިދުވަހާއި ދިމާކޮށް އައްޑޫސިޓިގެ ހުރިހާ މުއައްސަސާތަކާއި، ސްކޫލްތަކާއި ގުޅިގެން އައްޑޫގައި ރުއް އަދި ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދާނެކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން އަންނަނީ ސިޓީ ސްކެއާ ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ. ސިޓީ ސްކެއާ ތަރައްޤީކޮށް ނިމުމުން އާންމު ރައްޔިތުންނަށް ވަރަށް ހިތްފަސޭހަ ތަނަކަށް އެތަން ވެގެންދާނެ ކަމަށްވެސް އެ ކައުންސިލުން ވަނީ މީގެކުރިން ބުނެފައެވެ.