އިދިކޮޅު
ޕާޓީތަކުގެ މަޝްވަރާ މޭޒަކީ ވަރަށް އުސް މޭޒެއް ކަމަށާއި އެ މޭޒުދޮށުގައި ކޮޅަށް
ހުރެގެން މަޝްވަރާ ކުރުމަށް ރައީސް ޔާމީން އަންނާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް
އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ މޭ މަހުގެ އެއްވަނަ
ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ތައްޔާރުވަމުންދާ ހަރަކާތާއި ގުޅޭގޮތުން
މައުލޫމާތު ދިނުމަށް އިދިކޮޅު ޕާޓީތައް ގުޅިގެން އަދާލަތު ޕާޓީގެ އޮފީހުގައި
ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.
މެއި މަހުގެ އެއްވަނަ
ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭގައި
އިދިކޮޅު އެމްޑީޕީން އަދާލަތު ޕާޓީއާއި ގުޅިގެން ބާއްވާ ހަރަކާތަކީ ސުލްހަވެރި
އެއްވުމަކަމަށް ވެގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެ ހަރަކާތަކީ
ކޮންމެހެން ވެރިކަން ވައްޓާލުމަށް ހިންގާ ހަރަކާތެއް ނޫން ކަމަށާއި، އަދި އެއްވެސް
ކަހަލަ އަނިޔާވެރިކަމަކަށްވެސް ގޮވާ ނުލާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އެކަމަކު އޭނާ އިންޒާރު ކުރައްވަނީ ރައީސް ޔާމީން އިދިކޮޅު ޕާޓީތަކުގެ މޭޒުދޮށަށް
ވަޑައިގަންނަވަން މިފަހަރު މަޖްބޫރުވާނެކަމަށެވެ. މީގެ އިތުރުން މި ހަރަކާތް
ޕްރޮމޯޓް ކުރުމަށް މާދަމާއިން ފެށިގެން މީޑިޔާތައް މެދުވެރިކޮށް ކައުންޓް ޑައުން
ޝޯވް ތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއާއި އަދާލަތު ޕާޓީން ގުޅިގެން ހިންގާ ހަރަކާތްތަކުގެ މަޝްވަރާގެ
އުސްމޭޒަށް ކޮޅަށް ހުންނަވައިގެން މަޝްވަރާކުރައްވަން ރައީސް
ވަޑައިގަންނަވަންޖެހޭނެކަމަށް އިމްރާން ވިދާޅުވާއިރު މިދިޔަ ހަފްތާގައި ރައީސް
އަބްދުﷲ ޔާމީންވަނީ ދުވަހެއް ކަނޑައަޅައިގެން މަޝްވަރާގެ މޭޒުދޮށަށް
ރައީސްގެންދެވޭނެކަމަށް ބުނަމުންދިއުމަކީ އެމަނިކުފާނަށް ބަލައިގަނެވޭނެ ދައުވަތެއް
ނޫންކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ އިދިކޮޅު ޕާޓީތަކުގެ
ވާހަކަތައް އެމަނިކުފާނަށް އިވިވަޑައިގެންފައިވާކަމަށާއި ގާނޫނުން ބޭރުން ކަންކަން
ކުރުމަކީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއްނޫން ކަމަށެވެ. ރައީސް ނަޝީދާއި ކުރީގެ
ޑިފެންސްމިނިސްޓަރގެ މައްސަލައިގެ އިސްތިއުނާފްގެ މަރުހަލާ ނުނިމި ޖުޑިޝަރީގެ ކަންކަމުގެތެރެއަށް
އެމަނިކުފާނު ބާރުފޯރުވަން ދެންނެވިޔަސް އެކަމެއް ނުކުރައްވާނެކަމަށާއި ޖުޑިޝަރީގެ
މަރުހަލާތައް ނިމުމުން ރައީސުލް ޖުމްހޫރިއްޔާއަށް ކުރެއްވެން އޮތްކަމެއް
ކަމަށްވަންޏާ އެކަމެއް ކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
އަނެއްކޮޅުން އަދާލަތު ޕާޓީއާއި އެމްޑީޕީންވަނީ މިހާރު މާލޭގައި ކުރިއަށްދާ ސިޔާސީ ހަރަކާތަކީ ވަކި
ބައެއް އިންތިޒާމް ކުރާ ކަންކަން ނޫން ކަމަށް ބުނެ ފުލުހުން ދައްކާފައިވާ
ވާހަކަތަކަށްވެސް ފާޑުކިޔާފައެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ވިދާޅުވީ އެ ހަރާކާތްތަކަކީ ކޮން ބައެއް ހިންގާ ހަރަކާތްތަކެއްކަން އެނގޭނެ
ކަމަށާއި، މިހާރު ކުރިއަށްގެންދާ ސިޔާސީ ހަރަކާތަކީ އިދިކޮޅު ޕާޓީތަކުގެ އިސް
ނެގުމާއެކު ކުރާ ކަމެއްކަން ފުލުހުންނަށް ވެސް އެނގޭނެ ކަމަށެވެ.
ފުލުހުންވަނީ ކޮންފަރާތަކުން ޒިންމާވާ ހަރަކާތެއްކަން ނޭގޭގޮތަށް
މާލެތެރޭގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކާއި އެއްވުންތައް
ފުލުހުން ރޫޅާލާނެ ކަމުގެ އިންޒާރުދީފައެވެ.